ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަނެއްގެ ތެރއިން
މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުކުރެވި މުޅިގައުމު ފެއިލްވެފައި
ފާތިމަތު ނާޒީން
-
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއް މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ  ބޮޑުބައެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވަމުންދާއިރު ސަރުކާރުން ކުރަމުންދަނީ ކޮންކޮން މަސައްކަތްތަކެއްތޯ ނުވަތަ އެފަދަ ބަޔަކަށް އެކަށޭނަ ފަރުވާއެއްދެވޭތޯ މިއީ އުފެދޭ ސުވާލެކެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް "ހޭންޑްސް ޓުގެދަރ" ޖަމްއިއްޔާއިން ކުރަމުންގެންދާ ކަންތައްތައް ފާހަގަ ކޮށްލާނަމެވެ. އެގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލާ ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެވެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ.

އެ ޖަމްއިއްޔާއިން އެންމެ އަޑުހަރުކޮށް ބާރަށް ގޮވަމުންދަނީ ވެސް އެންޑީއޭ ބަދަލުކޮށް މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންނަށް ފަރުވާ ދިނުމަށް އެދި އެވެ. ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ ބައްދަލުކޮށް އެކިއެކި ސިޔާސީ ފަރާތްތަކާއެކު ބައްދަލުކޮށް ކުރާ އާދޭހަކީ ވެސް މިއީއެވެ. މިއާދޭހުގެ އަޑު ސަރުކާރުން ނާހާ އެތިބީކީ ބަޔަކަށް މަސްތުވާތަކެތި ވިއްކައިގެން ފައިދާތަކެއް ވާތީ ނުވަތަ ބައެއްގެ ނުފޫޒުންނޭ ބުނާކަށް ވެސް އަޅުގަނޑެއް ނެތީމެވެ. ތެދަކަށް ވެސް ވެދާނެއެވެ.

މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ އަދަދު ބެލޭނޭ ނުވަތަ އެފަދަ ޑާޓާއެއް ރާއްޖޭގައި ނެތުމަކީ ލަދުގަންނަން ޖެހޭ ވަރުކަމެއް ނޫންތޯއެވެ. ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކާއި ސިޔާސީ މަގާމްތަކަށް މީހުންލުމާ އެހެނިހެން ކަންތައްތައް ކުރަމުންދާއިރު މި ރާއްޖޭގެ ޒުވާނުންގެ ގިނަ ބަޔަކުމަގުމަތިވެއްޖެ ކަމަށް ބުނެ ކުރާނެކަމެއް ނެތި ވައްކަމާއި ފޭރުމާއި އެހެނިހެން ނޭއްގާނީ އަމަލު ކުރުމަށް މަގުފަހިވަމުންދާއިރު މިކަންތައްތައް ހަމަ ނުފެންނަނީތޯއެވެ. ދެވޭނެ ފަރުވާއެއް ވެސް ނެތީތޯއެވެ. ތަރައްގީގެ މަޝްރޫއުތައް ކިތައްމެ ވަރަކަށް ހިންގިއަސް  ގައުމެއްގެ ޒުވާންޖީލެއް ހަލާކުވެގެންދާއިރު ވާނެ ފައިދާއަކީ ކޮބައިތޯ މިއީ އަޅުގަނޑު މިތާ ނުލިޔުނަސް ޚުދު މިކަންތައްތައް ހައްލުކުރަންތިބި ބަޔަކަށް ވިސްނޭނެ އަދި އެނގޭނެ ކަންތައްތަކެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައިވެސް ބުނެފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީއަށް އިސްލާހް ގެންނަންޖެހިފައިވާކަމީ ޝައްކުކުރާކަމެއް ނޫންކަމަށެވެ. މިއީ ގައުމުގެ މަތީފަންތީގެ ބޭފުޅުން ވިދާޅުވާ ވިދާޅުވުން ކަމަށްވާނަމަ މިކަމުގައި އަމަލީ ފިޔަވަޅު ނޭޅި ލަސްވަނީ ކޮންސަބަބަކާ ހުރެ ކަމެއް ހަމަ ނޭގުނެވެ.

"ހޭންޑްސް ޓުގެދަރ" ޖަމްއިއްޔާގެ ފައުންޑަރ މުހައްމަދު ނަވާޒް ސަލީމް ވިދާޅުވީ އެޖަމްއިއްޔާއިން ވަނީ އަންނަމަހު މަޖިލީހަށް ޕެޓިޝަނެއް ހުށެހެޅުމަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެކަމުގައި 1000 މީހުންގެ ސޮއި މިހާރުވަނީ ލިބިފައިވާ ކަމަށެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަރުކަޒުތައްހަދާފައި ނުވާ މައްސަލަ ވެސް ފާހަގަކުރަމުން ނަވާޒް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު އިންތިހާއަށް ގިނަ ކަމަށެވެ.

"ރާއްޖޭގައި 800 މީހުން ފަރުވާނުދެވި އެބަތިބި. އަޅުގަނޑުމެން އެދެނީ ފަރުވާ ދިނުމުގެ ދޮރުތައް ހުޅުވައިދިނުމަށް . 21 ދުވަހުން ފަރުވާދީފައި ފޮނުވަންޖެހޭ މީހާ 4 ދުވަސްތެރޭ އެބަ ފޮނުވާ. މިއީ ވެގެންވާނެ ކަމެއްނޫން. ދެން މުޖްތަމައުއަށް އައިސް ބައެއް ކުދިން ގޯސް އެހެން ކަންކަމުގެ ތެރެއަށް ވަންނަނީ. ކުރީމަ އަނެއްކާވެސް ހައްޔަރުކުރަނީ"

ނަވާޒް ވިދާޅުވީ ސިޔާސީ އެކި ފަރާތްތަކާވެސް ވާހަކަ ދެކެވިފައިވާކަމަށާއި ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫން 2011/17 އަކީ އެންމެ އަގުބޮޑު ގާނޫނަކަސް ގާނޫނުގައި ބުނާއެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. 

"މަސްތުވާތަކެއްޗާބެހޭ ގާނޫނަކީ ވަރަށް ފުރިހަމަ ގާނޫނެއްކަމަކު އޭގެ އަމަލީ ސިފައެއް ފެނިފައިނުވޭ. ހެލްތުމިނިސްޓްރީން ވެސް މިމައްސަލައަށް ހައްލުނައި ދެން ޖެންޑާއަށް މިއުޅެނީ ކުޑަކުދިންނާއި ރޭޕްކޭސްތަކާއި އެހެނިހެން މައްސަލަ ތައް ނުބެލިގެން އުޅޭއިރު މަސްތުވާތަކެތީގެ މައްސަލަ ޖެންޑާއަށް ހަވާލުކުރީމަ ވަކި ބެލޭނެތޯ. ރާއްޖޭގައި މިކަންތައްތައް ބެލެހެއްޓެން އެއްވެސް ޑާޓާއެއްވެސް ނެތް." އެންޑީއެން ބަދަލުކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން ވާހަކަ ދައްކަމުން ނަވާޒް ވިދާޅުވިއެވެ.

"ޗޭންޖް އެންޑީއޭ" ނަމުގައި ހޭންޑްސް ޓުގެދާރ ޖަމްއިއްޔާއިން ސޯޝަލް މީޑިއާގައި އެމީހުން ކަންބޮޑުވުން ފާޅުކުރާތާ އެތަކެއް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
100%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު