ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ސަހަރާއެއްގައި ދަތުރުކުރާ ބައެއް
ފަނާވަނިވި ދުނިޔެ ބިނާކުރަންވީ ކިނާރި ފަދައަކުންނޫނެވެ.
އައްޝައިޚް މުޙައްމަދު އަފްޟަލް
-
ދުނިޔޭގެ ޙަޔާތަކީ ގުނާލެވޭ މަދު ދުވަސްކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. ވަކިން ޚާއްޞަކޮށް މިޖީލުގެ މީހުންގެ ޢުމުރަކީ ފަސްދޮޅަހަކަށް އަހަރެވެ. މީގެ ކުރީގެ ޖީލުތަކުގެ މީހުންނަށް ދިގު ޢުމުރެއް ލިބިގެންވާކަން ތާރީޚު ހެކިދެއެވެ.

އެގޮތުން ނޫޙުގެފާނުގެ ޢުމުރާބެހޭގޮތުން ކީރިތި ޤުރުއާނުގައި އަންގަވަނީ އެކަލޭގެފާނު 1000 އަހަރަށް ވުރެ 50 އަހަރު މަދުކޮށް ދުނިޔޭގައި އުޅުނު ކަމުގައެވެ. އެބަހީ އެކަލޭގެފާނުގެ ޢުމުރުފުޅަކީ 950 އަހަރުފުޅެވެ. ﴿وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا فَأَخَذَهُمْ الطُّوفَانُ وَهُمْ ظَالِمُون﴾ (العنكبوت: 14). މާނައީ:- " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެ މީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دينއަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ."

ނޫޙުގެފާނުގެ ޤައުމުގެ މީހުން ނުވަތަ ކުރީގެ އިންސާނުން އެހާ ދިގު މުއްދަތެއްގައި ދުނިޔޭގައި އުޅުކަން އެނގެން އޮތުމުން، ހާމަވާ ޙަޤީޤަތަކީ އަޅުގަނޑުމެންގެ މުޅި ޢުމުރަކީ ވެސް މާދިގު ވަގުތެއް ނޫންކަމެވެ. އެ މުއްދަތުގެ ތެރޭގައި ދިމާވާ ކަންކަމަކީވެސް ދާދި އަވަހަށް ނިމި ހިނގައިދާނެ ކަންކަމެވެ. އެކަންކަމުގެ ތަކުލީފުގައި ހޭދަވާނީ ވެސް ދާދި މަދު ހިނދު ކޮޅެކެވެ. އެހެންކަމުން ތިބާ ދުނިޔޭގައި އުޅޭއިރު، ދާއިމީ ގޮވައްޗެއްގައި އުޅޭމީހެއްގެ މިސާލުގައި ނޫޅޭށެވެ! މާދަމާވެސް މިވަގުތީ ޙަޔާތާ އަލްވަދާއު ކިޔަން ޖެހިދާނެއެވެ. 

ފަނާވަނިވި ދުނިޔެ ބިނާކުރަންވީ ކިނާރި ފަދައަކުންނޫނެވެ. ބަނާސަރީކަސަބުއެޅި ބޯވަޅެއް ނެތް ލިބާހަކުންވެސް ނިވާކުރާނަމަ އައުރަ، އިނާމުލިބޭ ދުވަހު ތިމާ ބާކީ ނުވާނެއެވެ. މިނޫން އެހެން ހުރިހާ ކަމެއްގައިވެސް ބަލަންވީ މި މިންގަނޑެވެ. ވަގުތީ ދުނިޔޭގައި ތިމާގެ ކަންކަން ސާދާ ސީދާ ކުރި ވަރަކަށް، ޙަޔާތުގެ މަޤްޞަދާ ނުސީދާވާ މިންވަރު ދައްކުރެވޭނެއެވެ. ތިބާ ދުނިޔޭގައި އުޅެންވީ މާދަމާވެސް މިނޫން ތަނަކަށް ދާންޖެހިދާނެ މީހަކު ފަދައިންނެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ސާޙިބާ މުޙައްމަދު ﷺވަނީ މި ޙިކްމަތްތެރި ފިލާވަޅު އުއްމަތަށް ބަޔާން ކޮށްދެއްވާފައެވެ. عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ ﷺ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ». މާނައީ:- " އިބްނު ޢުމަރު رضي الله عنهماގެ ކިބައިންރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ތިމަންގެ ކޮނޑުފުޅުގައި ހިއްޕަވައި ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. ތިބާ ދުނިގޭގައި ފަޤީރަކު ފަދައިން ވާށެވެ! ނޫންނަމަމަގުހުރަސްކޮށްލާ މީހަކު ފަދައިންވާށެވެ!"

އިބްނު ޢުމަރު މި ބަސްފުޅާމެދު ނިކަން ރަނގަޅަށް ސަމާލުވާ ކަމުގައި ވިއެވެ. އެކަލޭގެފާނު ރަސޫލާ ﷺގެ ބަސްފުޅަށް އިޖާބަދީ އެފަދައިން ޢަމަލުކުރައްވަމުން ގެންދެވިއެވެ. އަދި އެހެންމީހުންނަށް މިމާތް މަތިވެރި ބަސްފުޅު ފޯރުކޮށްދެއްވަމުން އަންނަނިވި ބަސްފުޅު އިތުރަށް ވިދާޅުވެ އުޅުއްވާކަމުގައި ވެއެވެ. وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.) މާނައީ:- "ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެ ނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައި ވާ ޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމްބުޚާރީއެވެ.) 

މިފަދަ ނަސޭހަތުން ޢިބުރަތް ޙާޞިލް ކުރާމީހުންގެ ތެރެއިން އަޅަމެން ލެއްވުން އެދި ތަކުރާރުކޮށް ދުޢާކުރާށެވެ! ދުނިޔެއިން ހޯދަންވާނީ އެދުނިޔޭގެ ޙަޔާތަށް ބޭނުންވާ މިންވަރު އެކަންޏެވެ. އާޚިރަތަށް ރައްކައުކުރެވޭ ޚަޒާނާގެ ގޮތުގައި ކުރެވޭ ހެޔޮޢަމަލަށް ގިނަ ވަގުތު ހޯދާނީ ބުއްދިވެރިންނެވެ. މާދަމާވެސް މިދުނިޔެ ދޫކޮށް ދިޔުމުން، ޢަމަލުގެ ވަގުތު ނިމުނީއެވެ. ދެން އޮންނާނީ އެ ޢަމަލުތަށް ޙިސާބު ކުރުމެވެ. ކާމިޔާބުވާނީ ހެޔޮކަންކަމުގައި ކުރިއަރައިދާ މީހާއެވެ. 

 

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު