ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފޮޓޯ: 2021 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރު.
ކޮއިމަލާކަލޯ ނުވަތަ މަލެއްފަދަކޮއި
އަބްދުﷲ ސައީދު
-
ކޮއިމަލާކަލޯގެ ވާހަކަ ދެ ގޮތަކަށް ކިޔާއުޅެއެވެ. އެއްގޮތަކީ އެއީ ސްރީލަންކާއިން ރާއްޖެއަށް ވަޑައިގެންނެވުނު ބޭފުޅެއްކަމަށް ކިޔާ އުޅޭގޮތެވެ. އެ ވާހަކައިގައި ކިޔަނީ އެ ބޭފުޅަކު ބޮޑުފުޅުވީ ސިންގާަައެއްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަނެއް ގޮތަކީ އެ ބޭފުޅަކަށް ރާއްޖެއަށް ވަޑައިގެންނެވުނީ އިންޑިއާއިންކަމަށް ކިޔާގޮތެވެ.

މިއިން ކޮންމެ ޤައުމަކުން ވަޑައިގަތަސް އެ ބޭފުޅަކީ ރަސްދަރިކަނބަލަކާ ކައިވެނި ބައްލަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެއީ ރާއްޖޭގައި ރަސްކަމެއް ގާއިމުކުރައްވައި ފުރަތަމަ ރަސްކަން ކުރެއްވި ރަސްގެފާނުކަމަށް ބުނެވެއެވެ.  ކޮއިމަލާކަލޯގެ ވާހަކައަކީ ދޫދޫމަތިން ވާރިދުވަމުން އައިސްފައިވާ ތާރީޚީ ފޯކުލޯރެކެވެ.

ޖަންގަލީގެ ތެރޭގައި ޖަނަވާރުތަކާއެކު އުޅެ ބޮޑުވި މި ޒުވާނާއަށް ރަސްދަރިކަނބަލެއްގެ ކައިވެނިފުޅު ލިބިވަޑައިގަތީ ޖަންގަލީގެ ވަރަށް ފުން ހޮހަޅައެއްގެ ތެރޭގައި ހުރި ވަރަށް އަގުހުރި ޚަޒާނާތަކެއް ރަދުންނަށް ލިބިވަޑައިގެންނެވި ސަބަބަކަށް އެ ޒުވާނާ ވުމުންނެވެ. އެ ހިސާބުން އެ ކޮއި މަލެއްފަދަ ކޮޔަކަށްވެ، ދަރިކަނބަލަކާ ކައިވެނިކޮށްދެއްވާފައި ދުނިޔެ ބަލާލުމުގެ ދަތުރަކަށް ފުރުވާލެއްވީއެވެ. ޚާދިމުންނާއެކު ކުރެއްވި އެ ދަތުރުފުޅުގައި ކޮއިމަލާކަލޯ އާއި އޭނާގެ އަނބިކަނބަލުންނަށް ރާއްޖެއަށް ވަޑައިގެންނެވި، ތީމު ކިޔާ ރަށުގައި ވަޒަންވެރިވީއެވެ. ތީމަކީ ފަހުން ރަސްގެތީމެވެ. އިބުނު ބަތޫތާ ރާއްޖެ ވަޑައިގެންނެވި އިރުވެސް އެ ރަށަށް  ކިޔަނީ ތީމެވެ. އެކަން އެނގެނީ އިބުނު ބަތޫތާ އެ ރަށަށް އެ ނަމުން މުޚާޠަބު ކުރައްވާފައި ވާތީއެވެ.

ކޮއިމަލާކަލޯ މާލެއަށް ވަޑައިގެން މާލޭގައި ރަސްކަން ހިންގަވަން ފެށްޓެވީ ރަސްގެތީމުގައި ދުވަސްތަކަކު ހުންނެވުމަށް ފަހުގައެވެ. އެ ރަށުގައި ކުރީ ޒަމާނުގައި ބުދުދީނަށް އަޅުކަންކުރި ކަހަލަ މޮނާސްޓްރީއެއް ހުއްޓެވެ. މި މޮނާސްޓްރީގެ އިތުރުން "ތީމު" މި ނަމަކީ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންގެ ބަސް ކަމުގައިވާ ޑްރެވީޑިއަން ލަފުޒެއް ކަމަށް ވާތީ އެ ރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ބެލެވިދާނެއެވެ. ތީމުގެ މާނައަކީ ޖަޒީރާއެވެ. 

ފޯކުލޯރުތަކަކީ މުޅީން ތެދު ހަގީގަތަށް ނުވިޔަސް ތާރީޚީގޮތުން ބުރަދަނެއް ދެވޭ އެއްޗެކެވެ. ފޯކުލޯރުތަކުގައި މީހުންގެ އަގީދާއާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ޝަޚްޞިއްޔަތުތަކާއި ތަންތަން ސިފަކޮށްދީފައި ހުރެއެވެ. އަދި ބައެއް ވާހަކަތައް ހަގީގީ ތަންތަނާ ގުޅިފައިހުރެވެ. ކޮއިމަލާކަލޯގެ ވާހަކަ ކިޔާގޮތާ ވެސް ތާރީޚީ ބައެއް ހަގީގަތްތަކާ ގުޅިފައިވެއެވެ. ނުވަތަ ގުޅުން އެބަހުއްޓެވެ. 

ފޯކުލޯރުގައި ވާރިދުވަމުން އައިސްފައި ވިޔަސް ރާއްޖެ އިސްލާވިއިރު އިންނެވި ރަދުންނަކީ ކޮއިމަލާކަލޯ އަށް ވާނެގޮތެއް ނެތެވެ. ވާހަކައިގެ އެއީ ރާއްޖޭގެ ފުރަތަމަ ރަސްގެފާނޭ ކިޔާއިރު އެ ރަދުންގެ ކުރިން ރާއްޖޭގައި އެހެން ރަސްރަސްކަލުން ރަސްކަންކުރައްވާފައިވާކަން އެނގޭތީއާ އަދި އެއީ އެ ދަރިކޮޅުގެ ފުރަތަމަ ރަދުންނަށް ވެސް ނުވާތީއެވެ. ނަމަވެސް ރާއްޖޭގައި އެންމެކުރިން ރަސްކަންކުރި އެއް ދަރިކޮޅު ކަމަށްވާ ހަނދުވަންހަ (ސޯމަވަންސަ ޑައިނާސްޓީ) ގައި "ކެއިމަލެއި" ކިޔާ ރަސްކަލަކު ތާރީޚުން ފާހަގަ ކުރެވެއެވެ. އެއީ ހިޖުރައިން 515 (މީލާދީން 1120) ގައި ރަސްކަމަށް އިސްވެވަޑައިގެންނެވި މަހާބަރަނަ މަހާރަދުންނެވެ.  އެއީ ރާއްޖެ އިސްލާމްވިއިރު އިންނެވި ރަދުންގެ ކުރިން ރަސްކަން ކުރެއްވި ރަދުންނެވެ. އެ ރަދުންނާއި ސްރީލަންކާ ނުވަތަ އިންޑިއާއާ އޮތް ގުޅުން ނޭނގުނަސް އެއީ ރާއްޖޭގެ ތިލަދުންމައްޗާއި މަލިކު އަތޮޅު، އިންޑިއާގެ ރާޖާރާޖާ ދަގްރޭޓް (985-1014) ގެ ރަސްކަމުގައި އެ ޤައުމުގެ ތަންތަނަށް ހަދާފައިވަނިކޮށް މިނިވަންކޮށް ދެއްވި ރަދުންނެވެ. އެކަން އެނގެނީ ރާއްޖެ އިސްލާމްވި ފަހުން ހަތަރުވަނައަށް ރަސްކަން ކުރެއްވި ގަޑަނާދީއްތަ ރަދުންގެ ދުވަސްވަރު ލިޔެވިފައިވާ ލޯމާފާނުތަކުންނެވެ.  މަހާބަރަނަ މަހާރަދުންނަކީ ކޮއިމަލާކަލާކަލޯ ކަމަށްބެއްޔަސް ފޯކުލޯރާ ޚިޔާފުވާނެއެވެ. އެ ރަދުންނަށްވުރެ ކުރިން ވެސް ރާއްޖޭގައި ރަސްކަން ކޮށްފައިވާތީއެވެ. 

ތާރީޚު ދިރާސާކުރައްވާ ސްރީލަންކާގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ލަންކާގެ ބައެއް ކަމަށާއި އަދި ރާއްޖޭގައި ފުރަތަމަ ރަސްކަމެއް އުފައްދަވައި ރަސްކަން ކުރެއްވީ ވެސް ލަންކާއިން ވަޑައިގެންނެވި ބޭފުޅެއް ނުވަތަ ލަންކާއާ ގުޅުންހުރި ބޭފުޅަކަށް ހެއްދެވުމަށް ނުވަތަ އެގޮތް ދެއްކެވުމަށް ތަފާތު ލިޔުންތައް ލިޔެއްވާފައިވެއެވެ. އެހެން ނަމަވެސް އެއީ  މާބުރަދަންހުރި ވާހަކަތަކެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ލަންކާއި ރާއްޖޭގައި އޮތް ބުދު ދީނުގެ ތަފާތުކަމާއި ދިވެހިބަސް  އުފެދުނީ ސިންހަޅަ ބަހުން ނޫންކަމާއި އެކަމަކު ސިންހަޅަ ވެސް އުފެދުނު އަސްލުންކަމަށް ގަބޫލުކުރާނެ މާ ރަނގަޅު ހެކި ހުރުމުންނެވެ. 

އިންޑިއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގައި ވެސް ކުރިން އޮތީ ބުދު ދީނެވެ. ބުދުދީން ފެތުރިފައިވަނީ އިންޑިއާއިންނެވެ. ލަންކާގައި އޭރު އޮތް ބުދުދީނުގެ މަޒުހަބާ ރާއްޖޭގައި އޮތް ބުދު ދީނުގެ މަޒުހަބު ތަފާތެވެ. ލަންކާގައި އޮތީ ތްރަވާދާ ބުޑިޒަމެވެ. ރާއްޖޭގައި އޮތީ ސަންތިރިޒަމް ބުޑިޒަމެވެ. މި ގޮތުން ބަލާއިރު ވެސް ކޮއިމަލާކަލޯއަކީ ސްރީލަންކާއިން ވަޑައި ގެންނެވުނު ބޭފުޅެއް ކަމާމެދު ސުވާލު އުފައްދާނެ ޖާގަ އެބައިތެވެ. ކޮމަލާކަލޯގެ ވާހަކައަކީ ތުންތުންމަތިން ދެކެވެމުންއައި ފޯކުލޯރަކަށްވާތީ އެ ވާހަކައިގައި ހަގީގަތް އޮތް މިންވަރެއް ނޭނގެއެވެ. 

ކިޔުންތެރިންގެ ހިޔާލު
50%
އުފާވި
0%
ދެރަވި
0%
ރުޅިއައި
50%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު