ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ޤުރްއާނުން ކިޔައިދޭ ކާމިޔާބާއި ފަލާޙު
އައްޝައިޚް މުޙައްމަދު އަފްޟަލް
-
ފަލާޙާއި ކާމިޔާބަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާނެ އެއްޗެކެވެ. މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިފައިވާ މީހުންނަށް މިކަން އިހުސާސް ކުރެވޭ މިންވަރު އެ ނޫން މީހުންނަށް ވުރެ އިތުރުވާނެއެވެ. އެހެންކަމުން އިންސާނީ ތާރީޚަށް ބަލާއިރު، ޖައްބާރު ވެރިން އެމީހުންގެ ޤައުމުތަކުގެ އާންމުން އަޅުވެތިކޮށްގެން އުޅުނު ޒަމާނަކީ، އެ އަޅުވެތިކަމުގައި ތިބި ފަރާތްތަށް މިނިވަންކަމަށް ކުރާ އެއްވެސް މަސައްކަތެއްގައި މާބޮޑު ކާމިޔާބެއް ނުފެންނަ ޒަމާނެވެ. ނުބައިނުލަފާ ޖައްބާރު ވެރިންގެ އަނިޔާއިން ސަލާމަތްވުން އެއީ ފަލާޙާއި ކާމިޔާބު ކަމުގައި އޭރުގެ މީހުންނަށް އިހުސާސް ކުރެވެއެވެ.

އިންސާނުން އެހެން އިންސާނުން ތަކެއް އަޅުވެތި ކުރުމަށް އިސްލާމްދީނުގައި ކިޔަނީ އަޅުންގެ އަޅުވެތިކަމެވެ. އިސްލާމްދީން ވުޖޫދު ވެގެން އައި އެންމެބޮޑު އެއް މަޤޞަދަކީ އަޅުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ، އަޅުތަކުންގެ ވެރިރައްބުގެ އަޅުވެތިކަމަށް އެ މީހުން ގެންދިއުމެވެ. އެހެންކަމުން ޙަޤީޤީ ކާމިޔާބާއި ފަލާޙަކީ، އެ އިލާހުގެ އަޅުވެތިކަމަށް އިންސާނާ ވަނުމެވެ. ﷲއަށް އަޅުކަން ކުރުމުގައި ޝާމިލުވީ ވަރަކަށް އޭނާގެ މިނިވަންކަން އިތުރުވެ ފުރިހަމަވަމުން އާދެއެވެ. މި ވާހަކަ ބަޔާން ކުރައްވާ އަލް-މުއުމީނޫން ސޫރަތުގެ ފެށުމުގައި މާތްﷲ ވަޙީ ކުރައްވަނީ ﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾﴾ މާނައީ:- "(1) مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (2) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (3) އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. (4) އަދި އެއުރެންނީ، زكاة ދޭ މީހުންނެވެ." މިއެވެ.

ބަޔާންވެ ދިޔަ އާޔަތްތަކުގައި އެ ވަނީ ފަލާޙާއި ކާމިޔާބު ލިބޭ މީހުންގެ ސިފަތައް ބަޔާންކުރައްވާފައެވެ. އެންމެ ފުރަތަމަ އަންގަވަނީ މުއުމިނުން ކާމިޔާބު ވެއްޖެ ކަމަށެވެ. އަދި އެ ކާމިޔާބީ ގުޅިފައިވަނީ ﷲއަށް ކުރެވޭ އަޅުކަންތަކާއެވެ. އެގޮތުން އެބައިމީހުންގެ އެންމެ ފުރަތަމަ ސިފައެއް ކަމުގައި އަންގަވަނީ ނަމާދު ތަކުގައި މަޑުމައިތިރިވެ ތިބޭ ތިބުމެވެ. ނަމާދަކީ މުސްލިމް އަޅާގެ މިޢުރާޖެވެ. އިތުރު އެއްވެސް ފަރާތެއްގެ ބައިވެރި ވުމަކާނުލާ އަޅާ އޭނާގެ ވެރިރައްބަށް ދަންނަވާ ދެންނެވުން ތަކެކެވެ. އެހެންކަމުން މުޅި ކާއިނާތުގެ ވެރި ފަރާތުގައި ތިމާގެ އެދުންތަކާއި ޖެހިފައިވާ ބޭނުންތަށް ކިޔައިދީ، އެކަންކަމުން އަރައިގަތުމަށް ތިމާ އެދޭގޮތް ދަންނަވާ އަޅުންނަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ކާމިޔާބުގެ އަހުލު ވެރިންނެވެ.

ދެން އެ އަންގަވަނީ ކާމިޔާބުވާ މީހުންގެ އަނެއް ސިފައަކީ، ބޭކާރު ވާހަކަ ނުދެއްކުން ކަމުގައެވެ. ދުނިޔޭގެ ޙަޔާތައް ބަލާއިރު، ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ ކުނިބުންޏާއި، ފަރުދީ ކޯޅުމަކީ ގިނަފަހަރު ދައްކަން ނުޖެހޭ ވާހަކަ ދެއްކުމުގެ ސަބަބުން އުފެދޭ ކަންކަމެވެ. ފަރުދީ މަސްލަޙަތު ގެއްލިދާނަމަ، އިޖްތިމާޢީ ހަމަޖެހުން ގެއްލި ހިނގައިދެއެވެ. އިޖްތިމާޢީ ހަމަޖެހުން އަނބުރާ ގެނައުމަށް މަސައްކަތް ކުރާމީހުންނަށް އެކަންކަން ޙައްލު ކުރެވޭނީ، އޭގަ ސަބަބު ދެނެގަނެވިގެންނެވެ. ގިނަފަހަރު އޭގެ ސަބަބު ގޮސް މި ނިމެނީ ބޭކާރު ވާހަކަ ދައްކާ އަފުރާދަކާ ހަމައަށެވެ. އެ ފަދަ މީހާއަށް މީސްތަކުން ރުޅިއަރާނެވެ. އަދި އޭނާއަކީ މުޖްތަމަޢުގައި ބަލައި ގަނެވޭ މީހަކު ކަމުގައި ނުވެދާނެއެވެ. އެއީ ކާމިޔާބާއި ފަލާޙުގެ އިދިކޮޅެވެ. އެހެން ކަމުން ކާމިޔާބު ވާނީ މީހުންގެ ލޯބި ހޯދޭ މީހާއެވެ. އެއީ ބޭކާރު ވާހަކަތަކާ ދުރުވެ ހުންނަ މީހާއެވެ.

ދެން އެ އަންގަވަނީ ޒަކާތް ދިނުމަކީ ވެސް ފަލާޙާއި ކާމިޔާބީގެ އަހުލުވެރިންގެ ސިފައެއް ކަމުގައެވެ. ޒަކާތަކީ ފަޤީރު މީހާއަށް ދިނުމަށްޓަކައި މުއްސަނދި މީހާގެ މުދަލުން ނެގޭ ފައިސާ ނުވަތަ މުދަލެވެ. މިއީ އިސްލާމީ މުޖުތަމަޢުގެ އިޤްތިޞާދީ ހަމަޖެހުން ގެނުވާ އެންމެ ބޮޑު އެއްކަންތަކެވެ. އިސްލާމީ އުޞޫލުތަކަށް މީސްތަކުން ފުރިހަމައަށް ތަބާވާނަމަ އިޖްތިމާޢީއެތައް ކަމެއް ޙައްލުވެގެން އަންނާނެއެވެ. އެގޮތުން ޒަކާތް ބަރާބަރަށް މިނުންމިނަށް ނެރޭނަމަ، އެތަނެއްގައި ފަޤީރުކަން ދެމިނޯންނާނެއެވެ. މުޖުތަމަޢަކުން ފަޤީރުކަން ނައްތާލެވުން އެއީ ކުޑަ ކާމިޔާބެއް ނޫނެވެ. އެއީ ވަރަށްވެސް ބޮޑު ނަޖާޙަކާއި ފަލާޙެކެވެ. އެކަމުގެ ސަބަބަކީ ޒަކާތް ނެރުނު މީހުންނެވެ. އެހެންކަމުން، އެކަމުގެ ޙަޤީޤީ ކާމިޔާބާއި ފަލާޙު މި ލިބުނީ ޒަކާތްދިން މިހުންނަށެވެ.

ދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ އިތުރަށް އާޚިރަތުގެ ފަލާޙާއި ކާމިޔާބީއާއި އެ ދުވަހު ނަރަކައިން މިންޖުވެ ނަޖާވާ މީހުންނަކީ ވެސް މިދެންނެވި މީހުންނެވެ. އެމީހުން ޙަޤީޤީ ކާމިޔާބަކުން ކާމިޔާބު އެވަނީ ﷲއަށް ބިރުވެތިވެ، އެ އިލާހުގެ ރުހުން ހޯދަން މަސައްކަތް ކުރިތީއެވެ. ދުނިޔޭގެ ކާމިޔާބެއް ލޯމައްޗަށް ތަސައްވުރުވުމުގެ ކުރިން އެބައިމީހުން އެ ތިބީ އެ މީހުންގެ ވެރި އިލާހުގެ ޙަޞުރަތުގައި ކާމިޔާބު ބައެއްގެ ގޮތުގައި ލިޔުއްވިފައެވެ.

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު