ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ރާއްޖޭގެ ރަދުންގެ މުދާތައް ދެހަރަމުގެ ވެރިޔާ ފޭރިވަޑައިގެންނެވި ހައްޖު ދަތުރުފުޅު
އަބްދުﷲ ސައީދު
-
"ޖިއްދާގެ ބަނދަރުގައި ކާފަރުންތައް ވަރަށް ގިނައެވެ. ޖިއްދާގެ ބުރުޒުގައި ބޮޑު ބަޑިއެއްނެތި އަޅުގަނޑަކަށް ހައްޖަށް ދާން ނިކުންނާކަށް ނުކެރޭނެއެވެ. އަޅުގަނޑަށް ފަސް ބޮޑުބަޑި ދެއްވާށެވެ. ހައްޖުގެ ފަހުން މި ބޮޑުބަޑިތައް އަޅުގަނޑު މަނިކުފާނަށް ރައްދުކުރާނޫއެވެ." މިއީ ދެ ޙަރަމުގެ ވެރިޔާ ދިވެހިރާއްޖޭގެ ރަދުންނަށް ފޮނުއްވި ފަތްކޮޅުގައި ވިދާޅުވި ވާހަކަފުޅެވެ.

އޭރު ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ)  ދިވެހީންގެ 300 އެއްހާ ބޭފުޅުންގެ ބޮޑު އަރުމާޒަކައިގެން ވަޑައިގެން ހުންނެވީ މައްކާގައެވެ. އެއީ އެ ރަދުން ޙައްޖަށް ވަޑައިގަތުމަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އެ ދަތުރުފުޅަށް މާލޭގައި ވަރަށް ބޮޑު ގުރާބެއް ބަންނަވައިގެން އަދި އިތުރު ނަވަކާއެކު ހައްޖަށް ފުރާވަޑައިގަތީ ހިޖުރައިން 1213 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 24 ޖަނަވަރީ 1799 ވީ ބުރާސްފަތި ދުވަހެވެ. ދެ ޙަރަމުގެ ވެރިޔަކަށް އޭރު ހުންނެވިކަމަށް ދިވެހިތާރީޚުގައި ބުނަނީ ސުލްޠާން އައްޝަރީފުލް ޣާލިބެވެ. އެއީ މައްކާގެ އަމީރު އަދި ދެ ހަރަމުގެ ވެރިޔާ ޣާލިބު ބުން މުސާޢިދު ބުން ސަޢީދެވެ. އެމަނިކުފާނު 1788 އިން 1803 އަށް މައްކާގެ އަމީރު އަދި ދެ ޙަރަމުގެ ވެރިޔާގެ މަޤާމުގައި ހުންނެވިއެވެ. ދިވެހިރާއްޖޭގެ ރަދުން ގެންދެވި މުދާތައް ފޭރިވަޑައިގަތުގެ މަސައްކަތް އަމީރު ޣާލިބު  ފެށްޓެވީ ދުރުދުރުންނެވެ. 

ރަދުން ހައްޖަށް ވަޑައިގެންނެވިއިރު މުދާ ބަރުކޮށްގެން ގެންދެވި ނައުގައި ހުރި ހަތިޔާރާއި މުދަލާއި  ރަނާއި ޖަވާހިރު ވެސް ފޭރިވަޑައިގަތެވެ. އެންމެ ފަހުން ރަދުންގެ އަތްޕުޅުގައި ހުރި  މުދާކޮޅު ހޯއްދެވުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. އެކަމަކަށް ވަރަށް ވަރުގަދައަށް އިންކާރު ކުރައްވައި ދިވެހިރާއްޖޭގެ ރަސްގެފާނު ކަނޑިކޮޅު ނެންގެވިއެވެ. އަދި ދެ ހަރަމުގެ ވެރިޔާއަށް ހަނގުރާމައަށް ލަޝްކަރައިގެން ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން ދެފަހަރަށް ހައްޖަށް ވަޑައިގެންނެވިއެވެ. ފުރަތަމަ ކުރެއްވި ހައްުޖު ދަތުރުފުޅުގެ ތާރީޚުތަކަށް ބަލާއިރު އެ ދަތުރުފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވި ކަމާއެކު ޝައްކު އުފެދެއެވެ. އެފަހަރު ހައްޖަށް ފުރާ ވަޑައިގަތީ 1203 ރަބީޢުލްއައްވަލް 29 ގައެވެ. އެއީ 27 ޑިސެންބަރު 1788 ވީ ހޮނިހިރު ދުވަހެވެ. އެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ޖިއްދާއިން ފުރާވަޑައިގަތީ ހައްޖުމަހުގެ ކުރިން، ރަމަޟާންމަހުގެ 6 ވަނަ ދުވަހުއެވެ. ރާއްޖެވަޑައިގަތީ ޙައްޖުމަހުގެ 15 ވަނަ ދުވަހުއެވެ. އެހެންކަމުން ތާރީޚުތަކަށް ބަލާއިރު އެ ދަތުރުފުޅުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުނު ކަމަކަށް ނުބެލެވެއެވެ. ޙައްޖަށް ވަޑައިގަތުމަށް ދެވަނަ ދަތުރުޅެއް ފަހުން ހަމަޖެއްސެވި ސަބަބަކަށް އެ ކަން ވެދާނެއެވެ. 

ދެވަނަ ފަހަރަށް ހައްޖަށް  ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ހުދޫދާއަށެވެ. (ގަބޫލުކުރެވެނީ އެއީ ޔަމަން ކަރައިގެ އަލް ޙުދައިދާ ކަމަށެވެ.) އެ ރަށުގައި ހުންނަވައި ވިޔަފާރިކުރައްވާ ހެއްދެވިއެވެ. އެރަށުން ޖިއްދާއަށް ފުރާވަޑައިގަންނަވަން އުޅުއްވުމުން އެ ރަށުގެ މީހުން ރަދުންނަށް ދެންނެވިއެވެ. ތިޔަހާ ގިނަ މުދަލާއެކު ވަޑައިގަތުން އެއްގޮތަކަށް ވެސް ރަނގަޅެއް ނުވާނެއެވެ. މައްކާގެ ޝަރީފް ޣާލިބު މުދާތައް ފޭރިވަޑައިގެންދާއެވެ. އެ އަޑު ނާއްސަވައި ރަދުން ޖިއްދާއަށް ވަޑައިގަނެ. ފަހުން މައްކާއަށް ވަޑައިގަތީއެވެ. ރަދުން މައްކާއަށް ވަޑައިގެންނެވިއިރު ޝަރީފު ޣާލިބު މައްކާގައި ވަޑައިގެން ނޫޅުއްވައެވެ.

މައްކާގެ އިސްވަޒީރާއި ގެފުޅުގެ ބަނޑޭރި ގެންނަވައި ރަދުން އެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.  އަދި  ވިދާޅުވިއެވެ. "އަހަރެންނަށް ގެފުޅު ހުޅުވައިދޭށެވެ." އެ ބޭފުޅުން ދެންނެވީި އަމީރު ޝަރީފް ޣާލިބުގެ އިޒުނަފުޅާ ނުލައި ގެފުޅު ނުހުޅުވޭނެކަމަށާއި އޭނާވީ ޖިއްދާގައި ކަމަށެވެ. އެ މަޝްވަރާގައި ތިއްބަވަނިކޮށް އިސްވަޒީރުގެ އަޚަކު އެތަނަށް ވަޑައިގެން ރަދުންނަށް ދެންނެވިއެވެ. އެއްހާސް ރިޔާލަ ދެއްވައިފިނަމަ ގެފުޅު ހުޅުވައިދީފާނަމެވެ. ރަދުން އެކަމާ ކޯފާވެވަޑައިގެން އަމުރު ކުރެއްވުމުން އަރިހުގައި ތިއްެބެވި އަސްކަރުން އޭނާގެ ގައިގައި ތަޅާފައި ދަރުބާރުން ބޭރުކުރީއެވެ. ރަދުންގެ ވާހަކަފުޅަކީ، ގެފުޅުގެ ބަނޑޭރިއާއި އެހީތެރިންނަށް ފިޔަވައި އެއްވެސް އެއްޗެއް ނުދެއްވާނަމެވެ. އެއަށްފަހު ވިދާޅުވިއެވެ. ގެފުޅު ހުޅުވައިދެއްވައިގެން ސުލްޠާން ޝަރީފް ޣާލިބު އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެއެވެ.  ގެފުޅަކީ އޭނާގެ މިލުކެއް ނޫނެވެ. ގެފުޅަކީ ހުރިހާ މުސްލިމުންނަށް ހަމަހަމަ ތަނެކެވެ. ތިމަން ރަސްގެފާނުގެ އަމުރުފުޅަށް ތިމަން ރަސްގެފާނަށް ގެފުޅު ހުޅުވައިދޭށެވެ. މިގޮތަށް ރަދުން ވިދާޅުވުމުން ގެފުޅު ހުޅުވައިދީފިއެވެ. ދެން ރަދުންނާއި އަރިހުގައި ގެންދެވި ބޭފުޅުން ގެފުޅަށް ވެންނެވީއެވެ. 

ފަސް ބޮޑުބަޑި ހޯއްދަވަން ދިވެހިރާއްޖޭގެ ރަސްގެފާނަށް ދެ ހަރަމުގެ ވެރިޔާ ފޮނުއްވި ފަތްކޮޅު ލިބިވަޑައިގަތީ އޭގެފަހުންނެވެ. އެފަތްކޮޅު ލިބިވަޑައިގަތުމުން ރަދުންގެ ފަސް ބޮޑުބަޑި ދެއްވުމަށް ނިންމެވިއެވެ. އެހިނދު، ބޮޑުބަނޑޭރި މުޙައްމަދު ހަނދޭގިރި ތަކުރުފާނު ދެންނެވިއެވެ. ސުލްޠާން ޝަރީފް ޣާލިބު މިފަހަރު އަޅުގަނޑުމެންގެ އަތުގައި ހުރި މުދާ ފޭރިވަޑައިގަންނަވާނީ މިގޮތަށެވެ. ބޮޑު ބަޑިތައް ވެސް އަނބުރައެއް ނުދެއްވާނެއެވެ. ދެން ވިދާޅުވާނީ ކޮންމެ ވެސް އެހެން އެއްޗެއް ދެއްވުމަށެވެ. އެހެންގޮސް ހުރިހާ މުދަލެއް ހުސްވަންދެން ފޭރިވަޑައިގަންނަވާނެއެވެ. އެގޮތަށް ބޮޑުބަނޑޭރި ވިދާޅުވުމުން ރަދުން ނިންމެވީ އެއްވެސް އެއްޗެއް ނުދެއްވުމަށެވެ. އެކަން ސުލްޠާން ޝަރީފް ޣާލިބުގެ އިސްވަޒީރަށް ދެންނެވިއެވެ. "ކަލޭމެެންނަށް އެއްވެސް އެއްޗެއް ނުދެއްވާނަމެވެ. ކަލޭމެން ހީކުރީ މިގޮތަށް ހީލަތުން މަކަރުން ތިމަން ރަސްގެފާނުގެ މުދާތައް ފޭރިގަތުމަށެވެ. އެންމެހާ އަރަބީން ބުނަނީ ކަލޭމެންގެ އަނިޔާވެރިކަމާއެކު މީހުންގެ މުދާތައް ފޭރޭކަމަށެވެ. މީސްތަކުންގެ މުދާތައް އަތުލައިގަތުމަށް އޮއްވާ ކަލޭމެން ދުށީ ކޮން ފޮތަކުންހެއްޔެވެ؟ ތިޔަކަންތައް ކަލޭމެންނަށް ދަސްކޮށްދިނީ ކޮން ދަންނަބޭކަލެއް ހެއްޔެވެ؟"

އައްސުލްޠާން ޙަސަން ނޫރައްދީން ދެއްވި ޖަވާބުން ޝަރީފް ޣާލިބު އެކަމާ ވަރަށް ބޮޑަށް ކޯފާވެވަޑައިގަތެވެ.  ރަދުންގެ މުދާ އަރުވާފައިވާ ނައު ބައްލަވާލެއްވުމުގެ ނަމުގައި ނަވަށް ޒިޔާރަތް ކުރައްވައި ނަމުގައި ހުރި މުދާތައް ބައްލަވައި ފަހުން ސިފައިން ފޮނުއްވައިގެން ހުރިހާ މުދަލެއް ފޭރިވަޑައިގަތީއެވެ. ނަވުގެ ބަނޑޭރިއަކަށް ހުންނެވި ބަނޑޭރި ޢަލީގެ ކަރުގައި ކަނޑި ޖައްސައިގެން ނަވުގައި ރައްކާކޮށްފައިހުރި ރަސްގެފާނުގެ ރަނާއި ރިއްސާއި ޖަވާހިރުތައް އަތުލީއެވެ. އަދި އެ ނަމުގައި އިސްކޮށް ތިބި ތިން މީހުން ބާލައި ޖަލަށްލީއެވެ. އެއަށްފަހު އިސް ވަޒީރު ރަދުން އަރިހަށް ފޮނުއްވައި އަމީރު ޣާލިބު އެދިވަޑައިގަތީ ދިވެހިރާއްޖެއަށް އުރުނު ނަވެއްގައިހުރި ހަތަރުލައްކަ ރިޔާލަ ދެއްވުމަށެވެ. ފޭރިވަޑައިގެންނެވި ނަވުގައި ހުރި މުދަލުން އެ އަދަދު ހަމަ ނުވާތީ ބާކީބައި ރަސްގެފާނުގެ އަތްޕުޅުގައި ހުރި ފައިސާއިން ހަމަކޮށް ދެއްވުމަށެވެ. ރަދުން ވިދާޅުވީ އަތްޕުޅުގައި އިތުރަށް ފައިސާއެއް ނެތް ކަމަށެވެ. އެކަމަކު އެކަން ގަބޫލުނުކުރައްވައި އަމީރު ޣާލިބުގެ އިސްވަޒީރު ރަދުންނަށް އިންޒާރު ދެއްވައި ބިރުދައްކަވައި ހެއްދެވިއެވެ. އެކަމާ ކޯފާވެގެން ރަދުން ވިދާޅުވިއެވެ. ތިމަން ރަސްގެފާނުގެ އަތްޕުޅުގައިވި މުދަލުގެ ތެރެއިން ކުޑަނަމަވެސް މިންވަރެއް އަތްޕުޅުގައި ކަނޑިކޮޅު އޮތްހާ ހިނދަކު ކަލޭމެންނަކަށް ނުދެއްވާ ހުށީމެވެ. ތިމަން މަނިކުފާނު އަރިހުން ހަމަ މިހާރު ނުކުންނާށެވެ. އަދި ހަނގުރާމައަށް ތައްޔާރުވެގެން ހަމަ މިއަދު އަންނަން މިތަނުން ނުކުމެގެން ހިނގައިދާށެވެ. ބުނެވޭގޮތުގައި ވަޒީރު ނުނިކުތުމުން ސިފައިންނަށް އަމުރުކުރައްވައިގެން އޭނާ ދަމާކޫއްތާފައި ނެރުއްވީއެވެ. 

ރަސްގެފާނާއި އަރިހުގައި ގެންދެވި ބޭފުޅުން މައްކާ މަދީނާވެ ނިމިވަޑައިގަތުމުން ޖިއްދާއަށް ދަތުރަށް ތައްޔާރުވެވަޑައިގަތެވެ. ނަމަވެސް އެ ދަތުރަށް ޝަރީފް ޣާލިބު ހުރަސް އެޅުއްވިއެވެ. އެގޮތަށް ހުންނަވަނިކޮށް ރަދުންނަށް ކަށިވިދުރީގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެ ހާލުކޮޅުގައި ވެސް ޖިއްދާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ  ދިހަހާސް ރިޔާލަ ދެއްވީމައެވެ.  ޖިއްދާއަށް ވަޑައިގަތުމުން އެ ހާލުކޮޅުގައި ދަތުރަށް އަރައިވަޑައިގަތުން ޖިއްދާގެ ވަޒީރުން މަނާ ކުރެއްވިއެވެ. އެއާލާސްކަންފުޅުގައި ހައްޖުމަހުގެ 27 ވަނަ ދުވަހު (01 ޖޫން 1799) ގައި އެ ރަދުން ޖިއްދާގައި އެންމެފަހުން އަވަހާރަވީއެވެ. މި ދަތުރުފުޅުގައި އެ ރަދުންގެ މަންމާފުޅާއި ދެ ބޭފުޅަކާއެކު 230 މީހުން މަރުވިއެވެ. ރާއްޖެއަށް އާދެވުނީ  75 މީހަކަށެވެ. 

އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ބަވަނަ މަހާރަދުންނަކީ އަލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ހަނގުދަރިކަލުންނެވެ. ޙަސަން ނޫރައްދީން ރަސްކަން ކުރެއްވީ ހިޖުރައިން 1193 އިން 1213 އަށް، މީލާދީން 1779 އިން 1799 އަށެވެ.

މަޢުލޫމާތު:

ޙަސަން ތާޖުއްދީނުގެ ތާރީޚު އިސްލާމް ދީބާ މަހަލް،

ޖަޕާނުގެ ޕްރޮފެސަރު ހިކޮއިޗީ ޔަޖިމާ (1980) ގެ ދިރާސާ

ނަސީމާ މުޙައްމަދުގެ ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
33.333333333333%
ރުޅިއައި
66.666666666667%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު