ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކުރީގެ މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް
އިދިކޮޅަށް ސޮއި ނުކުރަން، އަދިވެސް އަޅުގަނޑަކީ ޖުމްހޫރީ ޕާޓީގެ މެންބަރެއް- މަލީހް ޖަމާލް
އައިޝަތު ނާޒް
-
ކުރީގެ މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަަމަށް ނިންމާ މަގާމުން ވަކިކުރުމާއެކު އިދިކޮޅު ކޯލިޝަންގެ ކެމްޕޭންގައި އޭނާ ވަނީ ބައިވެރިވެ ވަޑައިގެންނަވާފައެވެ.

ދިސްޓާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ އަދިވެސް އޭނާއަކީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށާއި ފުވައްމުލަކުގެ ވަރަށް ގިނަ ޒުވާނުންގެ އެދިލެއްވުމުގެ މަތިން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ ކަމަށެވެ. އަދި ރާއްޖެ މިސްރާބު ޖަހާފައިމިވަނީ އަނެއްކާވެސް ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި އެކަން ނުވާން އޮތީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ މަސައްކަތް ކުރާ ކޮމިޓީގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ނުދިނުންކަމަށެވެ. އަދި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.

"އެމްޑީޕީން ކަނޑައެޅިގެން ޑިމޮކްރެސީއާއި ޚިލާފް އެތައްކަމެއް ކުރާއިރު އަޅުގަނޑުމެން މަޑުން ތިބޭކަށް ނުވާނެ.ކޯލިޝަންގެ ވާހަކަ އެމްޑީޕީން ދައްކަނީ ސިޔާސީ ބާރުވެރިކަން ހޯދަންވީމަ. ކޯލިޝަން އޮތީ ރޫޅިފައި. އެގްރީމެންޓްގައި ހުރި ގިނަ ކަންތައްތަކެއް ނުވެސް ހުރޭ އަދި ހުރި މަދުކަންތައްތަކާ ޚިލާފްވެފައި އެމްޑީޕީން ވަނީ. އެގްރީމެންޓްގައި ސާފްކޮށް ބުނާނެ އެހެނިހެން ޕާޓީތަކުގެ ޖުމްހޫރީ ޕާޓީ އެމްއާރުއެމް އަދާލަތު އަދި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގައިންނަވާ މީހުންނަށް ލިބޭ ވަޒީފަތުގެ ވާހަކަ. އެހެންނަމަވެސް އެމްޑީޕީގެ ކޮންމެ މަޖިލިސް މެންބަރަކަށް އެއް އެކްޒެކްޓިވް ޑައިރެކްޓަރަކު ދެއްވާފަ އެހެނިހެން ކޯލިޝަން ޕާޓީތަކަށް ދެވެން ހުރި ވަޒީފާވެސް ނުދޭ. މިހާރު ޕާޓީތަކުގައި ބުރަ މަސައްކަތް ކުރެއްވި މެންބަރުން މަގުމަތީގައި އެތިއްބަވަނީ"

އެމްޑީޕީން ވެފައިވާ ވައުދުތަކާއި ޚިލާފަށް އަދި އެހެނިހެން ޕާޓީތައް އެކަހެރިކޮށް އެމްޑީޕީން މުޅި ނިޒާމް ބޭނުންކޮށްގެންއުޅުމަކީ އެގްރީމެންޓާ ޚިލާފް ކަމަށްވުމުން އެހެނިހެން ޕާޓީތައް ހޮވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދާނެކަމަށް ވެސް މަލީހް ވިދާޅުވިއެވެ. އެމްޑީޕީއަށް ލޯކަލް ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެނަމަ ތިންބާރު އެއްބާރަށް ވެގެންދާނެ ކަމަށް ވިދާޅުވެ އަދި އެފަދަ ގޮތަކަށް ޚުދުމުޚްތާރު ވެރިކަމެއް ރާއްޖޭގައި ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.

"އަޅުގަނޑު މިހިރީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި. މިފިކުރަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހުން ފިކުރު.މިފަޅިން މިދަނީ ވެސް އެމީހުން.ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕްރައިމް މިނިސްޓަރަކަށްވުމަށް ކުރާ އުންމީދު ހާސިލްވުމަށް އެޅޭ އިތުރު ހަރުފަތަކަށް ވެގެންދާނީ ލޯކަލް ކައުންސިލްގެ ސްޕަރ މެޖޯރިޓީ ކާމިޔާބުވުން. އެހެންވީމަ އެކަން ވެގެންދާނީ ނިޒާމް ފޮރޮޅާލަންލިބޭ ފުރުސަތަކަށް.އެހެންވީމަ އެފުރުސަތު ދޭކަށް ބޭނުން ނުވޭ. އެހެންކަމުން އަޅުގަނޑުމެން މިތިބީ ރިޔާސީ ނިޒާމްގެ ފަޅީގައި. މިގައުމުގައި އޮތީ ދެފަޅިއެއް އެއީ ބަރުލަމާނީއަށް ތާއީދުކުރާ ފަޅިއަކާއި ރިޔާސީ ނިޒާމަށް ތާއީދުކުރާ ފަޅިއެއް. އަޅުގަނޑު މިހިރީ ރިޔާސީ ނިޒާމް ފަޅީގައި. އެމްޑީޕީން ޖުމްހޫރީ ޕާޓިއަށް ކޮށްދޭ ކަމެއް ނުފެނޭ. ޖުމްހޫރީ ޕާޓީ އޮތީ ރިޔާސީ ނިޒާމް ފަޅީގައި."

މަލީހް މަޤާމުން ވަކިކުރަން މަޖިލީހުގައި ބޭއްވި ޖަލްސާގައިވެސް އޭނާ ވަނީ ރައީސް ނަޝީދާއި މަޖިލީހުގެ މެމްބަރުންނަށް ހޫނު ރައްދުތަކެއް ދެއްވާ ރައީސް ނަޝީދަކީ ޚުދުމުޚްތާރު ގޮތެއްގައި ކަންތައް ކުރައްވަމުންދާ ބޭފުޅެއްކަމަށް ތަކުރާރުކޮށް މަޖިލީހުގައި ވިދާޅުވެލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު