ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އައިސާއްދީ އާއި ހަސަނުގެ ލޯބި
ފާތިމަތު ނާޒީން
-
އިސްމާއީލާއި ޒުލޭޚާ އަކީ ދެކުނުގެ މަޝްހޫރު ރަށެއްގައި އުޅުނު ވަރަށް ނުފޫޒުގަދަ ދެމަފިރިންނެވެ. އެދެމީހުންނަށް ލިބުނު ކުދިންގެ ތެރެއިން ދެ އަންހެން ކުދިންނަކީ ލާމަސީލު ރީތި ދެ ކުދިންނެވެ. އެކުދީންނާއި ކައިވެނިކުރަން ރަށުގެ ވަރަށްގިނަ ޒުވާނުން އުޅުނެވެ.

އެތަނުން ދޮށީ ފާތުމާއްދީ ލިބާހަށް އައިބުވީމާ އޭނައާ ކައިވެނިކުރަން ހޯދި އަލީއަކީ ވަރަށް މޮޅު ކެޔޮޅެކެވެ. މައިންބަފައިން އޭނާ ޚިޔާރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މީހުންގެ ވެސް މަސްދޯނިފަހަރު ހުންނާތީ އެ އޮޑިފަހަރު ދުއްވުމެވެ. އަދި އެ ދުވަސްވަރު ކެޔޮޅުންނަކީ ވަރަށް ގިނަ އާމްދަނީ ލިބޭ ބަޔަކަށްވެފައި މީހުން ވަރަށް ޤަދަރުކުރާ ބަޔަކަށްވާތީއެވެ. ފާތުމާއްދީއާ އިނދެގެން އެ ގެއަށް އައުމަށްފަހު އެގޭ ދޯނިފަހަރު ދުއްވައި އޭނާ ވީ މައިންބަފައިން އުންމީދުކުރި ކަހަލަ މީހަކަށެވެ. 

ހަގު ދަރިފުޅު އައިސާއްދީ ކައިވެނިކުރީ އިލްމަށް ލޯބި ކުރި ޒުވާނަކާއެވެ. ކައިވެންޏަށް ފަހުގައި ވެސް ހަސަނު އޭނާގެ ގިނަ ވަގުތު ހޭދަކޮށް ހެދީ ކިޔެވުމުގައެވެ. އާމްދަނީ ހޯދާކަށެއް ނުއުޅެއެވެ. އެހެންވެ އައިސާއްދީގެ މައިންބަފައިން ހަސަނަކަށް މާބޮޑު އިހުތިރާމެއް ނުކުރެއެވެ.

އިނދެގެން ދެތިން އަހަރުވެ ދެ ކުދިން ވެސް ލިބުނުތަނާ ކުއްލި ބައްޔެއްގައި ފާތުމާއްދީ ނިޔާވެއްޖެއެވެ. ގެ ދޫކޮށް ދެ ކުދިން ވެސް ގޮވައިގެން އަލީ ދާން އުޅެން ފެށީމާ އެ ގޭ މީހުން ވަރަށް ކަންބޮޑުވިއެވެ. ހަމަ އެކަނި ކުޑަ ދެ ކުދިން ގެއްލޭތީއެއްނޫނެވެ. އެ ގޭ ދޯނިފަހަރުގެ އިސް ކެޔޮޅު ގެއްލޭތީ ވެސް މެއެވެ. ވީމާ ގޭގައި އަލީ ބެހެއްޓޭނެ ގޮތަކާމެދު އެ މީހުން ވިސްނިއެވެ.

މިގޮތަށް ދިމާވީމާ އެރަށުގައި އަމަލުކުރާ އާދައެއް އޮވެއެވެ. މަރުވި އަންހެން މީހާގެ ހަގު އަންހެން ކޮއްކޮއެއް ހުސްހަށިބައިކޮށް ހުރިއްޔާ ހުވަފަތްވީ ފިރިމީހާއާއި ދެވުމެވެ. މީގެ ވިސްނުމަކީ މަރުވި ދައްތަގެ ކުދިންނަށް ކޮއްކޮގެ ލޯތްބާއި އަޅާލުން ލިބޭނެކަމަށް ބެލުމެވެ. ކޮންމެއަކަސް މިފަހަރަކު އެހެން ހެދޭކަށެއް ނެތެވެ. ހުސްހަށިބައިކޮށް ކޮއްކޮއެއް ނެތީމައެވެ. ހުރި ހަމައެކަނި ކޮއްކޮ މީހަކާ އިނދެގެން އުޅޭތީއެވެ. އަދި ކުއްޖަކު ވެސް އޮތީމައެވެ. ވިސްނާ ވިސްނާ އެހެން ގޮތެއް ނުފެނިގެން އިސްމާއީލާއި ޒުލޭޚާ ރޭވީ އައިސާއްދީ ވަރިކުރުވައިގެން އޭނައާއި އަލީ ދެވާށެވެ.

އައިސާއްދީ ކައިރީގައި މި ވާހަކަ ދެއްކީމާ އޭނާ އެކަމާ ދެކޮޅުހެދިއެވެ. ހަސަނު ވެސް ވަރިކުރާކަށް އެއްބަހެއް ނުވިއެވެ. އިސްމާއީލުމެން ސިހުރުވެރިޔަކު ގެނެސް ވަރިތޮޅި ހައްދައިގެން ވެސް އެ ދެ މީހުންގެ ލޯބި ކަނޑައެއް ނުލެވުނެވެ. އެންމެފަހުން އިސްމާއިލު އޭނާގެ ނުފޫޒު ބޭނުން ކޮށްގެން ހަސަނަށް ބިރުދައްކައި އެ ދެމަފިރިން ވަރިކުރުވައިފިއެވެ.

ތިން މަސްކޮށްފައި ދެ މާދޫނި ދެވިހެން އަލީއާއި އައިސާއްދީ ދެވައިފިއެވެ. އެހެނަސް އައިސާއްދީއާއި ހަސަނުގެ ލޯތްބަކަށް ބަދަލެއް ނައެވެ. އެ މީހުން ސިއްރުން ބައްދަލުކުރެވެއެވެ. އައިސާއްދީ ގެއިން ބޭރަށް ދިޔުން ހުއްޓުވަން މައިންބަފައިން އޭނާގެ ބޯ ބޭލިއެވެ. އަދި ދުވާލު ހަތަރުދަމު ބަހައްޓައިހެދީ މޫނުގައި އަޅިދެލި ކުރަހައިފައެވެ. އޭނައަށް މޫނު ދޮވެވެނީ ހަމަ އެކަނި އަލީއާއެކު ނިދަންވީމައެވެ. 

މިވަރުން ވެސް އައިސާއްދީ އަލީއާއެކު ރެއެއް ނުކުރެއެވެ. އަދި ފިލަފިލައިގެން ހަސަނާ ބައްދަލުކޮށް ހަދައެވެ. މިކަން ބޮޑުވެގެން ހަސަނު އަނދަގޮނޑި ޖަހާފައިވެސް ބޭއްވިއެވެ. އެންމެ ފަހުން އޭނާ ރަށުން ފޮނުވާލަން ފަންޑިތަ ހަދައި ފޮނުވާލީއެވެ. އައިސާއްދީ އަލީއާއެކު ރޭކުރަން ފެށީ ހަސަނު ފުރައިގެން ގޮސް ދެން އޭނާ ނުލިބޭނެކަން ކަށަވަވަރުވީމައެވެ. އެ ދެމަފިރިންނަށް ފަހުން ދެ ތިން ކުދިން ލިބުނެވެ. އެ ކުދިން ބޮޑުވީ ރަށުގައެވެ. 

ހަސަނު ރަށްދޫކޮށް ހިޖުރަކުރީ ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށެވެ. އެ ރަށުން ހަސަނު މީހަކާ އިނދެގެން އެކައިވެންޏަށް ވެސް ދެ ތިން ކުދިން ލިބުނެވެ. އެކުދިން މާލެއަށް ހިޖުރުކޮށް ބޮޑުވީ މާލޭގައެވެ. އެއީ ވަރަށް ކާމިޔާބު ކުދިން ކޮޅެކެވެ. އެއް ކުއްޖަކު ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުމުގެ އިތުރުން ވިޔަފާރީގެ ރޮނގުން ވެސް ކާމިޔާބީ ތަކެއް ހޯދާފައިވެއެވެ. ހަސަނަށް   އައިސާއްދީގެ ބަނޑުން ލިބުނު ކުއްޖާ ވެސް މާލެއަށް އައިސްގެން ވިޔަފާރީގެ ރޮނގުން ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކާމިޔާބީ ހޯދާފައި ވެއެވެ. އެއީ ހަސަނު ތައުލީމަށް ކުރި ލޯބީގެ ނަތީޖާއެވެ. ކަންތައް ނިމިގެން ދިޔައީ ހަސަނުގެ ބަފައިބެއާއި މައިދައިތަ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

(މިއީ ޚިޔާލީ ވާހަކައެކެވެ. މީގައި ނަންގަނެވިފައިވާ މީހެއް ނުވަތަ ތަނެއް ހަޤީޤީ މީހަކާ ނުވަތަ ތަނަކާ ވައްތަރުވާނަމަ އެއީ އިއްތިފާގެކެވެ.)

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު