ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ގަމުގައި ހުންނަ ޗާޗާ މަހާނަ. 1966 ވަނަ އަހަރުގެ ފޮޓޯއެއް. ފޮޓޯ ނާޖިހް ދީދީ
ޗާޗާ މަހާނައަކީ ދިވެހީންގެ އާސާރީ ތަރިކައެއް ހެއްޔެވެ؟
އަބްދުﷲ ސައީދު
-
އައްޑުސިޓީ ގަމުގައި ހުންނަ ޗާޗާ މަހާނައިގެ ބިސްތާނަ ހަދާފައި ހުންނަގޮތުންނާއި އެ މަހާނަ މަޝްހޫރުވެފައި އޮންނަ ވަރުން އެ ތަނަކީ ދިވެހީންގެ އާސާރީ ތަރިކައެއްގެ ގޮތުގައި ހީވެދާނެއެވެ. އެހެން ނަމަވެސް އެއީ އެއްގޮތަކަށް ވެސް ދިވެހިރާއްޖޭގެ އާސާރީ ތަރިކައެއް ނޫންކަން އޮޅޭހާ ދުވަހެއް އެ މަހާނައަކަށް އަދި ނުވެއެވެ.

ޗާޗާއަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު އައްޑޫގައި ޤާއިމުވެތިބި އިނގިރޭސީންގެ މަސައްކަތު މީހެއްގެ ވަޒީފާގައި (ލޭބަރެއްގެ ގޮތުގައި) މަސައްކަތްކުރި ޕާކިސްތާނުގެ މުސްލިމު ރައްޔިތެއްގެ މަހާނައެވެ. އިނރޭސީން ފުރަތަމަ ގަމަށް ފޭބީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރުއެވެ. ދެވަނަ ބޮޑު ހަނގުރާމަ 1945ގައި ނިމެންދެން އިނގިރޭސި ސިފައިން ގަމުގައި ތިއްބެވެ. ޗާޗާ މަހާނައަކީ އެ ދުވަސްވަރުގެ މަހާނައެއް ނޫނެވެ. 

your imageގަމުގައި ހުންނަ ޗާޗާ މަހާނަ މިހާރު ހުރިގޮތް/ ފޮޓޯ ނާޖިޙް

ދެވަނަ ފަހަރަށް އިނގިރޭސި ސިފައިން ގަމަށް ފޭބީ 1957 ވަނަ އަހަރު އެވެ. އިނގިރޭސީން ގަމުގައި އަސްކަރީ ރޯޔަލް އެއަރ ފޯސް ބޭހެއް ޤާއިމުކޮށް، ހިތަދޫގެ މާމެންދޫ ސަރަޙައްދުގައި ރޯޔަލް އެއަރ ފޯސް (އާރުއޭއެފް) ގެ ކޮމިއުނިކޭޝަން ސެންޓަރެއް ޤާއިމުކޮށްގެން 1976 ވަނަ އަހަރާ ހަމައަށް ތިއްބެވެ. އޭރު ޕާކިސްތާނާއި ސްރީލަންކާގެ ރައްޔިތުން މަސައްކަތު މީހުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން ގަމުގައި އިނގިރޭސީން ގެންގުޅުނެވެ. އެ ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން ވެސް ގަމުގައި ވަޒީފާ އަދާކުރިއެވެ.  އިނގިރޭސީން ބޭރުގެ މަސައްކަތްތެރިން ގެންގުޅުނީ އޭރު ދިވެހީން އެހާބޮޑަށް އަހުލުވެރި ނުވާ ޒާތްޒާތުގެ މަސައްކަތްތަކުގައެވެ. އެ ދުވަސްވަރު ބޭރުގެ މަސައްކަތްތެރިންގެ ތެރެއިން ދެތިން މީހަކު ރާއްޖޭގައި ނިޔާވެގެން އެ މީހުން ގަމުގައި ވަޅުލާފައިވެއެވެ. ޗާޗާ މަހާނައަކީ  އޭގެ ތެރެއިން އެއް މަހާނައެވެ. އޭނާ ވަޅުލާފައިވަނީ ގަމުގައި ތިބި ޕާކިސްތާނު މީހުން ބޭތިއްބި ޕާކިސްތާނު ކޭމްޕުގައެވެ. އެހެންވީމާ އެ މަހާނައަކީ 1957 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ހެދިފައިވާ މަހާނައެކެވެ.

your imageޗާޗާ މަހާނަ ކައިރި ހުންނަ ޕާކިސްތާނުގެ އެހެން މީހެއްގެ މަހާނަ. މި މީހާ މަރުވިކަމަށް އޮތީ 29 ސެޕްޓެންބަރު 1958. / ފޮޓޯ ނާޖިޙް 

ޗާޗާ މަހާނަ މިހާރު ފެންނަން ހުރީ ބާވެ ވީރާނާވަމުންދާ އާސާރީ ބިސްތާނައެއް ހެންނެވެ. 1966 ވަނަ އަހަރު ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އުސްކޮށް ރާނައި ވަރަށް ރީތިކޮށް ކުލަލައިފައި މަހާނައިގެ ދެކޮޅުގައި ވަރަށް ރީތި ދެ މަހާނަގާ ޖަހާފައި ހުއްޓައެވެ. މަހާނަ ދޮށަށް އޭރު އޮންނަނީ ދޮންވެލި ލައިފައެވެ. އެ ދުވަސްވަރު ގަމުގައި މަރުވި އެހެން މީހުންނަށް ނުދެވޭ އިހުތިރާމަކާއި ގަދަރެއް ޗާޗާއަށް ދެވިފައިވާ މައިގަނޑު ތިން ސަބަބެއް އޮތްކަމަށް ގަބޫލުކުރަމެވެ. އެއް ސަބަބަކީ ޗާޗާއަކީ ޕާކިސްތާނު މަސައްކަތު މީހުންގެ ތެރެއިން އައްޑޫގައި މަރުވި ފުރަތަމަ މީހާއަށްވުމެވެ. ދެވަނަ ސަބަބަކީ އެއީ ޕާކިސްތާނުގެ މުސްލިމު ރައްޔިތަކަށްވެފައި އިނގިރޭސީންގެ ހުއްދައާއެކު އެ ބިސްތާނަ ހެދީ ޕާކިސްތާނުގައި އެފަދަ ތަންތަން ހަދާފައި ހުންނަ ގޮތަށް އެ މަސައްކަތްތެރިން އަމިއްލައަށް ކަމަށްވުމެވެ.  ތިންވަނަ ސަބަބަކީ ޗާޗާއަކީ އެންމެންނާ ވެސް ވަރަށް ގުޅޭ އެކުވެރި ރަޙުމަތްތެރި ހިތްހެޔޮ މިޒާޖެއްގެ މީހަކަށް ވެފައި އެއީ ޕާކިސްތާނުގެ މަސައްކަތްތެރިންގެ ތެރެއިން ދީނީގޮތުންނާއި މަސައްކަތުގައި ވެސް ފާހަގަކޮށްލެވޭ  އޭރު ގަމުގައި އުޅުނު އެންމެންގެ "ޗާޗާ" އަށް ވީކަމެވެ. ޕާކިސްތާނު މީހުން ބޭނުންކުރާ އުރުދޫބަހުން ޗާޗާއަކީ ބޮޑުބޭބެ (Uncle) އެވެ. ލޭގެ ގުޅުމެއް ނެތަސް އެއީ އެ މީހުން ވަރަށް އިޙްތިރާމުކުރާ ބޭބެއެވެ. ޗާޗާ މަހާނަ އެހާ ރީތިކޮށް ހަދާފައި ހުރިކަން ދަލީލު ކޮށްދެނީ އޭނާއާމެދު ދިރިތިބީން ދެކުނުގޮތެވެ. އޭނާއަށް އޮތް ލޯތްބާއި އޭނާގެ އަޚްލާޤަށް ކުރި އިޙްތިރާމެވެ. މީހަކު މަރުވުމުން އެ މީހެއްގެ މަހާނައާއި މަގުބަރާގެ ޒީނަތްތެރިކަމަކީ އެ މީހަކާމެދު ދިރިތިބީން ދުށްގޮތުގެ ރަމުޒެއްކަމުގައި ބެލެވުނު މާޒީއެއް ރާއްޖޭގައި ވެސް އޮތެވެ.

your imageޕާކިސްތާނުގެ ކޭމްޕް / ފޮޓޯ ކެން.ޑީ ބްރިޓަން

ޗާޗާ މަހާނައާ ދިވެހީންނާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ މުސްލިމެއްކަމަށްވެފައި އޭނާ ރާއްޖޭގައި މަރުވެ، އޭނާގެ މަހާނަ ރާއްޖޭގެ ފަސްގަނޑުގައި ހުރުން ފިޔަވައި ދިވެހީންނަކާ އޮތް ގުޅުމެއްނެތެވެ. އޭނާ ވަޒީފާއަދާކޮށް ޚިދުމަތް ކޮށްދިނީ ދިވެހީންނަކަށް ނޫނެވެ. އިނގިރޭސީންނަށެވެ. އޭނާގެ މަހާނަ ހެދީ ދިވެހީންނެއް ނޫނެވެ. ޕާކިސްތާނު މަސައްކަތްތެރިންނެވެ. އެ މަހާނައާ ގުޅުމެއް ހުރި ކަމެއް ވެސް ދިވެހީން ކޮށްފައެއް ނުވެއެވެ. ކޮންމެ ގޮތަކަށް ބެއްޔަސް ޗާޗާ މަހާނައަކީ ދިވެހީންގެ އާސާރީ ތަރިކައަކަށް ވާނެ އެއްވެސް ހަމައެއް ނެތެވެ. އޭނާއާ ބެހޭ ގޮތުން ކުރިން ނުދައްކާ އާ ވާހަކަތަކެއް މިއަދު އުފަންކޮށްގެން ދައްކާ ހެދުމަކީ އެ މަހާނަ ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންގެ މަހާނަފުޅުތަކާ އެއްފަދަކުރެވޭނެ ކަމެއްނޫނެވެ.

your image

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު