ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ޕީ.ސީ. އާރު ޓެސްޓު ހެދުމަށް އަގު ނެގުން ހުއްޓާލުމަށް ޑީ.އެން.އޭއިން ގޮވާލައިފި
އައިޝަތު ނާޒް
-
ޕީ.ސީ. އާރު ޓެސްޓު ހެދުމަށް އަގު ނެގުން ހުއްޓާލުމަށް ޑީ.އެން.އޭ އިން ގޮވާލައިފިއެވެ.

ދިވެހި ނެޝަނަލް އެކްޝަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާ ގުޅިގެން، ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެތުރިފައިވާ ޞިއްޙީ ބަލިމަޑުކަމާއި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޟަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަން ޖެހިފައިވާ ޕީ.ސީ. އާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ އަގަކީ ވަރަށް ބޮޑު އަގެއްކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަސާސީ ޙައްޤަކުން މަޙްރޫމު ކުރުވަން އޮތް ފުރުސަތެއްކަމުގައި ސަރުކާރުން ހަދާފައިވާ ކަމަށް "ދިވެހި ނެޝަނަލް އެކްޝަން" އިން ދެކޭ ކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ޕީ.ސީ. އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށްގެނައުމަށް ކިޓެއްގެ އަގަކީ ގާތްގަޑަކަށް 5 ޔޫއެސްޑޮލަރު (77 ދިވެހި ރުފިޔާ) އާއި 15 ޔޫއެސްޑޮރު (231 ދިވެހި ރުފިޔާ) އާ ދެމެދުގެ އަގަކަށްކަމަށާއި ކޮންމެހެން ދަތުރެއްކުރަންޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ. އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހޭކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއްކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެކެވެ. މި ގޮތުން ބަލާއިރު މާލޭ އެއަރ ޕޯޓުން ނ. މާފަރަށް ދަތުރުކުރާ ރައްޔިތެއްގެ އަތުން ޓިކެޓަށް ޚަރަދުކުރާ ފައިސާއާ އެއްމިންވަރުގެ އަދަދެއް ޕީ.ސީ. އާރު ޓެސްޓް ހަދަން ޚަރަދު ކުރަން މަޖުބޫރު ވާކަމަށެވެ.

ނ. މާފަރު އެއަރ ޕޯރޓުގައި ސޮނެވާ ޖާނީ ރިސޯޓުން ބަހައްޓާފައި ހުންނަ ޕީ.ސީ. އާރު ޓެސްޓް މެޝިނުން ޓެސްޓު ހެދުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ އަތުން ނަގަނީ 40 ޔޫއެސްޑޮލަރެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލުން މިޓެސްޓް ހަދައިދޭ އަގަށްވުރެ ގާތްގަޑަކަށް 50 އިންސައްތަ ކުޑަ އަދަދެކެވެ. މީގެ އިތުރުން ސޮނިވާ ޖާނީ ރިސޯޓުގެ ފަރާތުން ދުވާލަކު ގާތްގަޑަކަށް 100 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ޕީ.ސީ.އާރު ޓެސްޓް މުޅިންހިލޭ ހަދައިދެމުން ގެންދެއެވެ. ސަރުކާރުގެ ހޮސްޕިޓަލަށް ގެނެސްފައިވާ ޕީ.ސީ. އާރު ޓެސްޓް ހަދާ މެޝިން ގެނެސްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަގު ދައްކައިގެން ކަމަށްވެފައި، ދަތުރުފަތުރުކޮށް އުޅުމަކީ، މިފަދަ އުދަގޫ އަދި ރައްޔިތުންގެ އަތްމަތިދަތި ޙާލަތުގައިވެސް ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމަކަށްވާތީ، ޢާއްމު ބައެއް ފަރާތްތަކުން ހިލޭ ސާބަހަށް މި ޓެސްޓް ހަދައިދޭކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރަމެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސި.އާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައި ދެމުން ގެންދާކަންވެސް މި ފުރުޞަތުގައި ފާހަގަ ކުރަމެވެ. 

މީގެ އިތުރުން އެނޫސްބަޔާނުގައި ބުނެފައިވަނީ، އެންމެ ނިކަމެތި ރައްޔިތު މީހާގެ އަތުން 1000(އެއްހާސް) ރުފިޔާ ނަގައިގެން، ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސީ. އާރު ޓެސްޓް ހަދަމުންދާތީ، މިކަމާމެދު ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމަށާއި މި މައްސަލައާމެދު އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް ސަރުކާރުން އަޅުއްވައިދެއްވައި، ޟަރޫރީ ޙާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށްޓަކައި ހަދަން މަޖުބޫރުވެފައިވާ ޕީ.ސީ. އާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއެއް ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ބަމް
2021-03-11 00:21:54
މިއީ އެއްވަނާގެ ވާހަކައެެއް. ސޮނެވާގެ ވާހަކައަކީ މާރަނގަޅު ވާހަކައެއްނޫން.
ފަހުގެ ހަބަރު