ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އޮޑި ދިޔަވާން ދޫކޮށް ނުލާށެވެ
އައްޝައިޚް މުޙައްމަދު އަފްޟަލް
-
އޮޑި އެއީ ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. އެއް މަންޒިލަކަށް ދާން ބޭނުންވާ އެތައް ބަޔަކު އެއް އޮޑިއަކުން ދަތުރު ކުރާނެއެވެ.

ކޮންމެ މީހަކު ވަކި އޮޑިއެއްގައި ދަތުރު ނުކުރަނީ އެތައް ބައިވަރު ސަބަބުތަކެއް އެކަމުގައި އޮންނާތީއެވެ. ފައިސާގެ ދަތި ކަމެވެ. އަމާންކަމާއި ނާމާންކަމެވެ. ނޫންނަމަ އެ ނޫން ވެސް އެތައް ސަބަބެކެވެ. އެހެންކަމުން އޮޑި ދުއްވުން އެއީ އެއް ބަޔަކަށް ދިރިއުޅުން ހޯދައިދޭ ވަޞީލަތެކެވެ. އަނެއް ބަޔަކުގެ ދިރިއުޅުމަށް އޮތް ވަޞީލަތްތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. 

މި ބުނި މޭރުމުން އޮޑިދޯނި ފަހަރުގައި ދަތުރުކުރާ އެންމެން ވެސް މަންޒިލަށް ދެވެންދެން އެކަކު އަނެކަކަށް އިޙްތިރާމު ކުރަން ޖެހެއެވެ. ތިމާގެ ބޭނުންތަކާއި އިހުސާސްތަށް ފަހަށް ޖައްސައި އެކަމުގެ މައްޗަށް ކެތްތެރިވާން ޖެހެއެވެ. މިޒާޖުގެ ގޮތުން ތަފާތު އެތައް ބައެއް ގޮވައިގެން ދަތުރުކުރާ އޮޑީގެ ކިޔަމަންތެރިކަން ހުއްޓޭފަރާތަކީ އޮޑީގެ ކައްޕިތާނެވެ. އޭނާގެ ލަފާ ނުވަތަ މަޝްވަރާއެއް ނެތި އަމިއްލައަމިއްލައަށް ކަންކަންކޮށް ގޮތްނިންމާ ހަދާކަށް ނުވާނެއެވެ. އޭރުން އެއްބަޔަކު ކުރާ ކަމެއްގެ ސަބަބުން އެންމެންގެ ފުރާނައަށް ގެއްލުންވާ ޙާލަތެއް ދިމާވުން އޮންނާނީ ވަރަށް ގާތުގައެވެ.

ނޫޙުގެފާނުންގެ ނަވުގެ ވާހަކަ ނުދަންނަ ބަޔަކު މަދުވާނެއެވެ. އެ ނަވުން ދަތުރުކުރި އެންމެން ނަވުން ފޭބުމާއެކު ނަވުގައި އުފުލި ޖަނަވާރުތައް ބިމަށް ދޫކޮށްލައިއަވަސްވެގަތީ އަލިފާން ރޯކުރާށެވެ. އެއީ ނަވުގައި ހޭދަކުރި ދިގު މުއްދަތުގައި އެ މީހުންއަލިފާން ލައިގެން ކެއްކި އެއްވެސް ކާނާއެއް ކައިފައި ނުވާތީއެވެ. ނަވުގައި ކެއްކުން ނޫޙުގެފާނު އޮތީ މަނާކުރައްވާފައެވެ. ނަވުގެ ތެރޭގައި އަލިފާން ރޯކުރުން އެކަލޭގެފާނުމަނާކުރެއްވީ އެކަމުގެ ސަބަބުން ނަވަށް ގެއްލުމެއް ލިބި، އޭގައި ތިބި އެންމެންގެ ފުރާނައަށް ގެއްލުން ވެދާނެތީއެވެ.

ނޫޙުގެފާނުގެ ބަސް ޤަބޫލުނުކޮށް އެ ނަވުގައި ބަޔަކު އަލިފާން ރޯކުރިނަމަ، އެކަމުގެ ގެއްލުން އެންމެންނަށް ފޯރީހެއެވެ. އަދި މަނާކަމެއް ކަމުގައި އެކަން ހަމަޖައްސަވާފައި ނެތްނަމަ އެކަން ބަޔަކު ކޮށްވެސް ފާނެއެވެ. ކަންކަން މަނާވެފައި އޮންނައިރު ވެސް އެއްވެސް ފަރުވާލެއްނެތި ބައެއްމީހުން އެފަދަ ކަންކަމަށް އަރައިގަންނަމުން ދެއެވެ. ގިނަފަހަރު އެގޮތަށް ކަންތައް ކުރެވެނީ ކޮންމެ މީހަކު ވެސް އިޖްތިމާއީ މަޞްލަޙަތައް ވުރެ އޭނާގެ ފަރުދީ މަޞްލަޙަތު އިސްކުރާތިއެވެ. 

އިޖްތިމާޢީ މަޞްލަޙަތު ހިފެހެއްޓުމުގައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުން އެއީ ވާޖިބުކަމެކެވެ. ކޮންމެ މީހެއްގެ ބޮލުގައި ވަކިވަކިން އެޅިފައިވާ ފަރުދީ ޒިންމާއެކެވެ. އެކަކު ވެސް ކޮށްފިނަމަ އެންމެންގެ ސަލާމަތާ ރައްކާތެރިކަން ޤާއިމުކުރެވޭނެއެވެ. އެންމެން މިކަމާ އިހުމާލު ވެއްޖެނަމަ، ނުވަތަ ތިމަންނާ ނޫން އަނެކަކު އެކަން ކުރާނެއޭ ހިތާ ދޫކޮށްލައިފިނަމަ، އެންމެން އެކީ ހަލާކުވެދާނެއެވެ.  

މިކަމަށް އިޝާރާތް ކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘް ކުރެއްވިބަސްފުޅުގެ މާނައިގައިވެއެވެ. "ދީނުގެ ޙައްދުތަކުގެ މަތީގައި ޤާއިމުވެހުރެ، ހެޔޮކަންތައްތަކަށް އަމުރު ކުރުމުގައި ދެމިހުންނަ މީހާ އާއި، އެ ޙައްދުތައް ފަހަނައަޅައިގޮސްމުންކަރާތްތަކަށް އަރައިގަންނަ މީހާ އާއި، މި ދެ މީހުންގެ މިސާލަކީ، ނަވެއްގައި ދަތުރުކޮށްފައި ދިޔަ ބައެއްގެ މިސާލެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ގުރުއަތުން ލިބުނީ ނަވުގެ މަތީބައެވެ. އަނެއް ބައިމީހުންނަށް ޖެހުނީ، ނަވުގެ ވަތަށް ފައިބާށެވެ. އެ ނަވުގައި ފެން ލިބެން ހުންނަނީ މަތީބައިގައެވެ. އަޑީގައި ތިބި މީހުން ފެނަށް ބޭނުންވާ ކޮންމެ ފަހަރަކުދާންޖެހެނީ މަތީގައި ތިބި މީހުންގެ ތެރެއިންލާފައެވެ. މިހެން ދިމާވާން ފެށުމުން، މަތީގައިތިބި މީހުންނަށް އުނދަގޫ ވެދާނެއޭ ހިތައި، އެ މީހުންނަށް އުނދަގޫ ނުކުރާންވެގެން،ވަތުގައި ތިބި މީހުން ބުންޏެވެ. ކޮންމެ ފަހަރަކު، މިގޮތަށް މަތީގައި ތިބި މީހުންނަށްތުރާކުރުމުގެ ބަދަލުގައި، އަހުރެމެން މި ތިބަ ހިސާބުން، ނަވުގެ ފުލުގައި ލޯވަޅެއްއަޅައިގެން ފެންނެގިއްޔާ މާރަނގަޅު ވާނެއެވެ. ފަހެ، އެބައިމީހުން އެކަންކުރުމަށް، މަތީގައިތިބި މީހުން ދޫކޮށްލައިފިނަމަ، އެ ދެބައިމީހުން އެކުގައި ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް، އެމީހުންގެ އަތުގައި ހިފައި، އެކަން ވިޔަނުދީ ހުއްޓުވިއްޖެނަމަ، އެބައިމީހުންސަލާމަތްވީއެވެ. އަދި މަތީގައިތިބި މީހުންވެސް ސަލާމަތްވީއެވެ." (رواه البخاري)

އެހެންކަމުން މުޖްތަމަޢުގެ އަމަންއަމާންކަމާއި ސިލްމާއި ސަލާމަތު ރައްކާތެރި ކުރުމަށް ޓަކައި އޮޑި ދިޔަވާން ދޫކޮށް ނުލާށެވެ! އަތުގައި ހިފައިގެން މުންކަރާތް ހުއްޓުވާށެވެ! އެކަމަށް ނުކުޅެދޭނަމަ ދުލުން ބުނެގެން އެކަންކަން މަނާކުރާށެވެ! އެވަރު ވެސް ނުވާނަމަ، މުންކަރާތަށް ނުރުހޭށެވެ! ހިތުން އެކަންކަމަށް އިންކާރު ކުރާށެވެ! އެއީ އީމާންތެރިކަމުގެ އެންމެ ކުޑަމިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު