ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފޮޓޯ: ސްރީލަންކާމިރާރ
ލަންކާ މުސްލިމުންގެ ހައްގުތައް ފޭރިގަތުމަށް ކުރާ މަސަތްކަތަށް ރާއްޖެއިން އެއްބާރުލުންދެނީ ކީއްވެ؟
ތެޅިފޮޅިގަނެގެން މި އުޅުނީ، ހާރިޖީ ވަޒީރަށް ކޮންމަންފާއެއް އޮވެގެންހެއްޔެވެ؟
ބިން ޢަބްދުﷲ
-
ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ އެންމެންގެ ހަށިތައް އަންދާލަން ނިންމާފައިވާ ނިންމުގެ ދަށުން، ކޯވިޑް ޖެހިގެން މަރުވި 15 މުސްލިމެއްގެ ހަށިގަނޑު އައިލާގެ އެދުމާއި ދެކޮޅަށް ލަންކާގައި އަންދާލުމާއި ގުޅިގެން ލަންކާ ސަރުކާރާއި ދެކޮޅަށް މުސްލިމުންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ގައުމުގެ އެތެރިންނާއި ބޭރުން ޕްރެޝަރު ބޮޑުވުމުން، ދެން އިވިގެން ދިޔައީ ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވާދިނުމަށް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް އެދިވަޑައިގެންނެވި ވާހަކައެވެ.  

ރާއްޖޭގެ ފޮރިންމިސްޓްރީގެ ނޫސްބަޔާނެއް އެޓޭޗް ކުރައްވާ، ރާއްޖޭގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުފައިވަނީ ސްރީލަންކާގެ ރައީސް ގަތަބަޔާ ރާޖަޕަކްސާގެ އާއްސަ އެދިވަޑައިގަތުމެއްގެ މަތީން، ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގައި ބާއްވާދިނުމާއި ބެހޭގޮތުން ކަމާބެހޭ އިދާރާރތަކާއި އެކު ރައީސް އިބްރާހިމް މުހައްމަދު މަޝްވަރާކުރައްވާ ވާހަކައެވެ.

ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން ވަޅުލުމަށްޓަކާ އެގައުމުގެ ބިމުގެ ފެންފަށަލަ ފުން ހިސާބުތައް ހޯދުމަށް ލަންކާގެ ބޮޑުވަޒީރު އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ދަނޑިވަޅެއްގައި ލަންކާގެ ރައީސް މިފަދަ އެދުމެއް ރާއްޖޭގެ ކިބައިން އެދެންޖެހުނު ސަބަބާއިމެދު ލަންކާގެ ބައެއްފަރާތްތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.

މިކަމުގައި ލަންކާގެ މީހުންގެ ޝުއޫރުތަކަށް ބަލާއިރު ގިނަބަޔަކު ބޭނުންވަނީ މައްޔިތާ އެގައުމުގެ ފަސްގަނޑުގަ ވަޅުލުމުގެ ހައްގު ލިބުމަށެވެ.

ލަންކާގައި މުސްލިމުންގެ އާބާދީ ބޮޑު އީސްޓާރން ޕްރޮވިންސްގެ އިސް ސިޔާސީ ފަރާތެއްކަމަށްވާ އަލީ ޒަހީރު ވިދާލުވި ގޮތުގައި ލަންކާގައި އުފަންވެ، ލަންކާގައި ދިރިއުޅެ، ލަންކާގައި މަރުވާ މުސްލިމުން ވަޅުލެވެންވެސް ބޭނުންވަނީ ލަންކާގެ ބިމުގައެވެ.

ލަންކާގެ ގިނަބަޔަކު ސޯޝަލްމީޑިއާގަވެސް ފާޅުކުރަމުން ދާ ހިޔާލަކީ ލަންކާގެ މުސްލިމުން އެގައުމުގައި ވަޅުލަން ފުރުސަތު އޮންނަންޖެހޭނެ ވާހަކައެވެ.

ލަންކާގެ މުސްލިމް ކޮންގްރެސްގެ ލީޑަރ ހަކީމް ރާއްޖޭގެ ހައިކޮމިޝަން އަށް އެޑްރެސްކޮށް ފޮނުވާފައިވާ އީމެއިލް އެއް ވަނީ ޓްވީޓްކުރައްވާފައެވެ. މި އީމެއިލްގައި ހަކީމް ވިދާޅުވަނީ މަރުވާ އެންމެންގެ ހަށިތައް އަންދާލަން ލަންކާގެ ސަރުކާރުން ނިންމި ނިންމުމަކީ ސްރީލަންކާގެ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހަމަހަމަ ކަމާއި އަސާސީ ހައްގުތައް ނިގުޅައިގަތުމެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ގެ ޓްވީޓް އަށް ރައްދުދީ ޓްވީޓް ކުރި ލަންކާގެ ގިނަމީހުންވެސް ފާހަގަކޮށްފައިވަނީ ލަންކާ މުސްލިމުން މަރުވުމުން ލަންކާގައި ވަޅުލެވުމަކީ އެމީހުންގެ އަސާސީ އިންސާނީ ހައްގެއްކަމުގައެވެ.

ޓަވީޓް ކުރި ލަންކާގެ އެއްރައްޔިތަކު ބުނެފައިވަނީ މަރުވާ މީހުންގެ ހަށިތައް ރާއްޖެއަށް ގެނަސް މި ހާލަތު އިތުރަށް ގޯސްކުރުމަށްވުރެ، ލަންކާއިން އެގައުމުގެ ޑިމޮކްރެސީ އަށް އަމަލުކުރުމަށް ލަންކާސަރުކާރަށް ޕްރެޝަރކޮށްދީފިނަމަ ޝުކުރުވެރިވާނެ ވާހަކައެވެ.

އެހެންފަރާތަކުން ކުރި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ޝުކުރުއަދާކުރާ ކަމަށާއި ނަމަވެސް މިއީ ލަންކާގެ މުސްލިމުން ދާންބޭނުންވާ މިސްރާބު ނޫންކަމުގައެވެ. ލަންކާގެ ރައްޔިތުން ބޭނުންވަނީ އެމީހުންގެ އާއިލާތަކުން ޝަރަފުވެރިކަމާއިއެކު އެމީހުންގެ އަމިއްލަ ބިމުގައި ވަޅުލެވޭށެވެ. އަދި އެމީހުންގެ އާއިލާތަކުން މަހާނަދޮށަށް ތާއަބަދަށް ޒިޔާރަތްކުރެވޭނީ އޭރުންނެވެ.

އޯ.އައި.ސީ އިންވެސް ވަނީ ލަންކާގައި މަރުވާ މުސްލިމުން އިސްލާމްދިނުގެ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމުގެ ހުއްދަ އެމީހުންގެ އާއިލާތަކަށް ދިނުމަށް ލަންކާ ސަރުކާރަށް ގޮވާލާފައެވެ.

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މައުމޫނު ވެސް ވިދާޅުވަނީ ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއް ނޫންކަމަށާއި އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށް ކުރެވޭތާއީދަކަށްކަމަށެވެ.

ލަންކާ ސަރުކާރުން އެގައުމުގެ މުސްލިމުންގެ ދީނީ އަދި އިންސާނީ ހައްގަކަށް ފާޅުގައި އަރައިގެންއިރު، އިސްލާމީ ގައުމެއްގަޮތުގައި އޮތް މި ރާއްޖެއަށް އެއާއި ދެކޮޅަށް އެއްޗެއް ނުބުނެވުނީ ކީއްވެހެއްޔެވެ؟

މުސްލިމުންނަކީ އެއްއުއްމަތެއްކަމުގައި ވާއިރު، އަވަށްޓެރި ގައުމެއްގެ މުސްލިމުންނަށް މިފަދަ އަނިޔާއެއް ކުރިމަތިކުރުވިއިރު، މުސްލިމުންގެ ހައްގުގައި މިރާއްޖެއަށް ތެދުވަން ނުކެރުނީ ކީއްވެހެއްޔެވެ؟

މުސްލިމުންގެ ހަށިތައް އަންދަން ނިންމި ސަރުކާރުން، އެ ނިންމުން ބަދަލުނުކޮށް، މުސްލިމް އާއިލާތަކުގެ އިހްސާސްތަކަށް އިޚްތިރާމް ކުރުމެއްނެތި، މުސްލިމުންގެ ހަށިތައް އެގައުމުން ބޭރުކުރަން އެދުމުން އެކަމަށް ވާގިވެރިވީ ކީއްވެ ހެއްޔެވެ؟

ތެޅިފޮޅިގަނެގެން މިކަން ކުރަން މި އުޅުނީ، މިކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރަށް ކޮންމަންފާއެއް އޮވެގެން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު