ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފޮޓޯ:އެޗްޑީސީ
"މާލޭމީހާ" އާއި "ރާއްޖެތެރޭމީހާ" ވެސް ގަނަތަޅުވަނީއެވެ.
ފާތިމަތު ނާޒީން
-
ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ގައުމުގެ އިގްތިސާދި ހާލަތު ރަގަޅުކުރުމުގައި ޢެންމެ ޢާދައިގެ މީހާއާއިމެދު ވިސްނާހަދާ ގައުމުތައް މަދެއްނޫނެވެ.

އާންމުނަށް ދެވޭ ޚިދުމަތްތަކުގެ ދާއިރާއިން ފައިދާ ނުހޯދައިވާނޭ ގޮތެއް ރާވާ، މިފަދަ ދާއިރާތަކުން ގެއްލުންވިޔަސް،  އާންމުނަށް ދެވޭ ޚިދުމަތުގެ އަގުނަގާއިރު އެއީ އާއްމު މީހާ އަތްފޯރާފަށުގައި ދެވޭ ހިދުމަތެއްތޯ ވިސްނާ ގައުމުތައްވެސް މަދެއްނޫނެވެ.

މި ރާއްޖެއަށްބަލާއިރު މި ރާއްޖޭގެ ސަރުކާރުން އާދައިގެ ރައްޔިތު މީހާއާއި ދޭތެރޭ ވިސްނަނީ ކިހާވަރަކަށް ބާވައޭ ހިތައްއަރައެވެ. އަދި އާންމުންގެ ދިރިއުޅުމުގެ ފެންވަރު ސަރުކާރަށް ވަޒަންކުރެވިފައި އޮތީ ކޮންސިފައަކަށްބާވައޭވެސް ހިތައް އަރައެއެވެ. ގައުމީ ފެންވަރުގައި ސާރވޭތައް ހެދި އޭގެ ރިޕޯޓް ތަކާއި ތަފާސްހިސާބު ތައް އެހުންނަނީ ފެންނާށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ގޯތީގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ތެރޭގައި މާލެ ހިމެނެއެވެ. ފަޅުން ބިންހިއްކެން ހުރި ރައްރަށުގައި ބިންހިއްކަގެން ބައެއްރަށްށުގައި އެރަށުގެ ރައްޔިތުންނަށް ގޯތިދޫކޮށް، ކޮންމެވެސް ހައްލެއް ބައެއްރަށްރަށަށް ހޯދުނެވެ.

ފަޅުގެ ބާކީބައި ހިއްކައިގެންނާއި ކައިރީގައި އޮތްރަށް އާބާދުކޮށްގެންވެސް ގޯތިގެދޮރުގެ މައްސަލައަށް ހައްލެއް ނުފެނުނު ތަނަކީ މާލެއެވެ. 1997 ވަނަ އަހަރު ދެން ފެށުނީ ހުޅުލޭގެ ފަޅުން ހުޅުމާލެ ހިއްކާށެވެ.

މާލޭ ރައްޔިތުނަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމުގެ ނަމުގައި ހިއްކި ހުޅުމާލެެއިން ފެންނަ މަންޒަރަކީ އެތަނުގައި ފްލެޓްއަޅާ ސަރުކާރާއި މުއްސަދިންގެ ޖީބު ބޮޑުވުމުންދިއުމެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިނުކޮށް ރައްޔިތުން ފެލެމުންދިއެމެވެ.

އެންމެ އާދައިގެ މީހާގެ ދިރިއުޅުމަށް ބަލާލާނަމެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްވެސް އުޅެނީ 7500 ރުފިޔާއިން މަތީގައެވެ. ކަރަންޓަށް ބެލިޔަސް މާލޭގައި އާދައިގެ ދިރިއުޅުމެއް އުޅޭ ގެއެއްގެ ކަރަންޓުބިލަށް އެންމެ ކުޑަވެގެންވެސް 1000 ރުފިޔާ އާއި ގާތްކުރާ އަދަދެއް އަރާނެއެވެ. ފެން ބިލަށް 1000 ރުފިޔާ ވަރު އަރާނެއެވެ. ކެއިންބުއިމަށް އެންމެ މަދުވެގެންވެސް 5000 ނާރައެއް ނުދާނެއެވެ. ކުޑަކުއްޖަކު ހުރެއްޖިއްޔާ ބަތާ ގަރުދިޔަ އެކަންޏެއް ނުދެވޭނެއެވެ. ރަގަޅުކާނާ ބޭނުންވާނެއެވެ. ބަލިވެއްޖެނަމަ ބޭސްކުރުން ކޮބައިތޯއެވެ. އުނު އޮރިޔާން ނިވާކުރުން ކޮބައިތޯއެވެ.

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރި ގޮތުގެ 2016ގެ ސާރވޭ އިން ދައްކާ ގޮތުން އެވްރެޖްކޮށް ގޭބިސީއަކުން މަހެއްގެ މައްޗަށް 25،119 ރުފިޔާ ޚަރަދު ކުރެއެވެ. މާލެއަށް ބަލާއިރު 34،341 ރުފިޔާ ޚަރަދު ވެގެންދާއިރު އަތޮޅުތަކުގައި ގޭބިސީއަކުން މަހެއްގެ މައްޗަށް 18،498 ރުފިޔާ ޚަރަދުކުރެއެވެ.

އާދައިގެ މީހަކަށް މުސާރައަށް މަހަކު މި ލިބެނީ 10،000 ރުފިޔާއާއި 15،000 ގެ އާމުދަނީއެކެވެ. އެއްކޮޓަރީގެ އެޕާޓްމަންޓްއަށް 7500 ރުފިޔާ ކަރަންޓްބިލާފެންބިލަށް 2000 ރުފިޔާ ކެއުންބުއިމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް 5000 ރުފިޔާ ކަނޑާލީމާ، 15000 ރުފިޔާއިން އަތުގައި ބާކީ އޮންނާނީ 500 ރުފިޔާއެވެ. މިހުރިހާ ޚަރަދުތަކަށް ވިސްނާލާއިރު އާދައިގެ މީހަކަށް ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި މި ދަނީ ކުއްޔަށާއި ބިލްތަކަށެވެ.

ސަރުކާރުން ދުކުރާ ފްލެޓެއް ލިބިފައިވާ މީހެއްނަމަ ވެސް ހާލަތަކީ މިއެވެ. މިހާހިސާބުން ލިބޭ ލާރިކޮޅު ހުސްވީ އިގޭތޯއެވެ. އާންމުން އެބައިމީހުންގެދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށް ލިބިގަންނަންޖެހޭ ޚިދުމަތްތަކުގެ ކުލިއަދާކުރުމުގެ ގޮތުންނެވެ. ފައިސާއެއް ނެތެވެ. އެވަރަށް ރައްޔިތު މީހާއަށް ލާރިއެއް ނުލިބެއެވެ. ކޮންމެ ގޮތަކަށް ހޯދިޔަސް ފައިސާ ހޯދަން އެބަޖެހެއެވެ."ބެގް ބޮރޯ ސްޓީލް" އިން ނަމަވެސް މެއެވެ.

ބޯހިޔާ ކޮށްލާނޭ ހިޔާވެއްސެއް ލިބޭނެކަމުގެ އުއްމީދު ކުރި ފްލެޓްތަކަށްވީ ކިހިނެއްތޯއެވެ. އެފްލެޓްތައް ލަގްޒަރީ ފެންވަރަށް ހެދުމަށްފަހު އާދައިގެ ރައްޔިތު މީހާއަށް އެއާހަމައަށް ނުދެވެއެވެ. މިއިން ފްލެޓެއްގައި އުޅެން ބޭނުންނަމަ "އޮރިޔާން ނިވާނުކުރިޔަސް"، 15000 ރުފިޔާގެ މުސާރައިގެ އިތުރަށް 30000 އާއި 40000 ރުފިޔާއާއި ދެމެދުގެ އަދަދެއް އެބަ ހޯދަންޖެހެއެވެ. މިސަބަބާހުރެ އެ ބޭފުޅުންނަށްވެސް ބެކް ބޮރޯ ސްޓީލްއޭ ބުނެވެނީއެވެ.

ސަރުކާރުން ރައްޔިތުންގެ ނަމުގައި އެޅި ބައެއް ފްލެޓްތަކުގެ ޝަރުތުތައް އާދައިގެ ނިކަމެތިންފެތުނަސް އެތާގައި އުޅެނީ މުއްސަދިންނެވެ. އެކުއްޔަކީ އާންމުންގެ ޝަރުތުތައް ފެތުނަސް ކުލިފެތޭފަދަ ގޮތަކަށް އޮތް އެއްޗެއް ނޫނެވެ.

މާލޭ މީހުންނާއި ރަށްފުށު މީހުން އެންމެ ބޮޑު ބަހުސަކަށް ދަނީ މާލޭ މީހުންނަށް އެމީހުންގެ އުފަންބިމުން ބިންދޭންޖެހޭނެތޯ ކުރާ ސުވާލެވެ. އާދެ ދޭންޖެހެއެވެ. އެވެސް އަގަކަށް ނޫނެވެ. ހިލޭއެވެ. ގޯއްޗެއް ކަނޑާފައެވެ. ސަބަބަކީ މާލޭ މީހާއަށް އއ. މާޅޮހުން ބިންނުލިބި މާޅޮހު މީހާއަށް އޭނަގެ އުފަންރަށުން ހިލޭ ބިން ލިބޭތީއެވެ. މިއީ އިންސާފުނަމަ މާލޭ މީހާއަށް އިންސާފް ނުލިބެއެއް ނޫންތޯއެެވެ. ހުޅުމާލޭގައި ފުލެޓްތައް އެޅުމަށްފަހު ރަށްރަށުގައި އުޅޭ ފަރާތްތައް ގެނެސް އެތަނުން ފްލެޓްދޭތީއެވެ. މިއީކީ އެކިޔާ "ރާއްޖެތެރޭ" މީހާގެ މައްސަލައެއް ނޫނެވެ. ނުވަތަ މާލޭ މީހާގެ މައްސަލައެއްވެސް ނޫނެވެ.

ރާއްޖެތެރޭ މީހާއަށް ފްލެޓް ދޭންޖެހެނީވެސް ސަބަބުތަކެއް ހުރީމައެވެ. އެހެންނަމަވެސް އިންސާފުން ދެއްތޯއެވެ. އުމުރުދުވަހު ރަށުގައި އުޅުމަށްފަހު ފްލެޓަށް ހުޅުވާލުމުން ރަށުގައި ހުރެ ފްލެޓަށް ކުރިމަތިލައިގެން ހައްގުވެރިންނަށް ނުލިބި ބޭއިންސާފުން ސަރުކާރުން އެބަހާ ހުސްކުރުމަކީ އިންސާފެއްނޫނެވެ. 

ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލާށެވެ. މާލޭއިން ބިންހުސްވެގެން ސަރުކާރުން ހުޅުމާލެއޭ ކިޔާރަށެއް ހެދީ މާލޭ މީހުންނަށް ގޯތި ދިނުމަށެވެ. ކަންތައްވީ އެހެނެއް ނޫނެވެ. ސަރުކާރުންވެސް ހުޅުމާލެ ތަރައްގީކޮށް ފްލެޓްއެޅުމުން ޖީބު ބޮޑުވާނެކަން އެގޭތީ މާލޭ މީހުންނަށް ނުދީ ވިޔަފާރި ހަބަކަށް އެތަންހެދީއެވެ.

ރަށްރަށުމީހުންނަށް ސަރުކާރުން އިހްމާލުވެފައިވާ މިންވަރު އަޅުގަނޑު ބުނެނުދިނަސް މާލޭ “ބޭފުޅުން” އަށާއި “ރާއްޖެތެރޭ” މީހާއަށްވެސް އެގޭނެއެވެ. އެންމެ އަސާސީ ބޭނުންތައް ނުފުދޭ ވަރުގެ ރަށްރަށުގައިވެސް މީހުންއެބައުޅެއެވެ. މިސަބަބާހުރެ ރައްރަށުން މީހުން މާލެ އަންނަންޖެހެނީއެވެ. ސަރުކާރަށް ރަށްފުށުގެ ދިރިއުޅުން ނުފެންނަނީ ލޯ ފަންވެފައި ވާތީކީއެއް ނޫނެވެ. އަޑު ނީވެނީ ސަރުކާރުގައި ތިބޭބަޔަކު ކަންފަތް ބީރުވީމައެއްވެސް ނޫނެވެ. އެކަށޭނަ ރަގަޅު ސިޔާސަތެއްނެތި ބޭއިންސާފުން ކަންތައްކޮށް އަދާލަތު ގައުމުގައި ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު
12.5%
އުފާވި
62.5%
ދެރަވި
0%
ރުޅިއައި
25%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
މާލޭ މީހާ
2020-12-18 21:45:06
ވާރަށް ހަބޭސް ވާހަކަތަކެއް. މާލޭ މީހާއަށް މާލެއިން ގޯތި ލިބެންވީ ތިހެންވެ..
ފަހުގެ ހަބަރު