ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ހިނާ މުހައްމަދު ބޭގަމް އާއި އޭނާގެ ބައްފަ
ފަގީރު ބައްޕައެއްގެ ގުރުބާނީ އާއި އަންހެން ދަރިއެއްގެ ހިތްވަރު
ބިން ޢަބްދުﷲ
-
އިންޑިއާގެ ހައިދަރުއާބާދުގައި އިންތިހާއަށް ފަގީރުކަމުގައި ދިރިއުޅޭ، އޮޓޯ ރިކްޝާ ދުއްވާ މީހެއްގެ ދަރިއެއްކަމަށްވާ، އުމުރުން 20 އަހަރުގެ ހިނާ މުހައްމަދު ބޭގަމް އިންޑިއާގެ ޝަރަފުވެރި މެޑިކަލް ކޮލެޖެއް ކަމަށްވާ ޝަދާން މެޑިކަލް ކޮލެޖުން ޖާގަހޯދައިފިއެވެ.

އިންޑިއާގެ މެޑިކަލް ކޮލެޖްތަކުން ޖާގަ ހޯދުމަށްޓަކާ ކޮލެޖަށްވަނުމުގެ ފެންވަރު ހުރިތޯބެލުމަށް މުޅި އިންޑިއާގައި ބާއްވާ ވާދަވެރި އިމްތިހާނެއް ކަމަށްވާ ނެޝަނަލް އެލިޖިބިލިޓީ އެންޓްރެންސް ޓެސްޓް (އެން. އީ. އީ. ޓެސްޓް) އިން ފާސް ވާންޖެހެއެވެ.

ފަގީރު ކަމުގެ ސަބަބުން އެން.އީ.އީ ޓެސްޓަށް ތައްޔާރުވާން އިތުރު ޓިއުޝަން ނެގުމުގެ ދަތިކަން ކުރިމަތިވުމާއި އެކުވެސް، އިންޑިއާގެ 1.5 މިލިއަން ކުދިން ބައިވެރިވި މި އިމްތިހާނުން ހިނާ ވަނީ ވަރަށްވެސް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ.  

މި އިމްތިހާނުން ހިނާ ވަނީ "އޭ" ކެޓަގަރީ އިން ފާސްވެފައެވެ. "އޭ" ކެޓަގަރީ އިން ފާސްނުވިނަމަ ހިނާ ޖެހޭނީ މެނޭޖްމަންޓް ކޯޓާ އިން ޖާގަހޯދާށެވެ. މިކޯޓާ އިން ގިނަފަހަރަށް ޖާގަ ލިބެނީ ސްކޫލަށް "ޑޮނޭޝަން"ގެ ގޮތުގައި އެންމެ ގިނަ ފައިސާ ދޭ ފަރާތްތަކަށެވެ. މިއީ ހިނާ ގެ އާއިލާ ކަހަލަ ފަގީރު އާއިލާއަކަށް ކުރެވޭނެ ކަމެއްނޫނެވެ. ޑޮކްޓަރަކަށް ވުމަކީ ހިނާގެ ކުޑައިރުއްސުރެ ގެންގުޅޭ ހުވަފެނެކެވެ. ހިނާ ބުނިގޮތުގައި މިކާމިޔާބީ ހާސިލުކުރެވުނީ ﷲގެ ރަހުމަތާއިއެކު ބައްޕަގެ ގުރުބާނީ އާއި ބުރަ މަސައްކަތުންނެވެ.

"ޑޮކްޓަރަކަށް ވުމަކީ އަހަރެން ކުޑައިރުއްސުރެ ދެކޭ ހުވަފެނެކެވެ. މިކަން މި ހާސިލުވީ ﷲގެ ރަހުމަތާއި ބައްޕަގެ ގުރުބާނީ އާއި ބުރަ މަސައްކަތުންނެވެ."

ހިނާގެ ބައްޕަ ރިކްޝާ ދުއްވައިގެން ލިބޭ އެއްޗަކުން، ވަކިން ދިރިއުޅުމެއް އުޅޭނެ ފޯރުންތެރިކަން ނެތުމުން، ހިނާ އާއި އޭނާގެ ދެންތިބި ތިން އަންހެން ކޮއްކޮވެސް ދިރިއުޅެނީ މަންމަ ފަރާތުގެ ކާފަ އާއި މާމަ އާއިއެކު އެ ގޭގަައެވެ. މި އާއިލާ ދިރިއުޅެނީ ހައިދަރުއާބާދުގެ ކޯރެއްގެ އައްސޭރިފަށުގައި އޮންނަ "ސްލަމް" (ފަގީރު ނިކަމެތިން ދިރިއުޅޭ ސަރަހައްދު) އެއްގައެވެ.

your imageއިންޑިއާގެ ކޯރެއްގެ އައްސޭރިފަށުގައި ފަގީރުން ދިރިއުޅޭ 'ސްލަމް' ސަރަހައްދެއް

ހިނާ ބުނިގޮތުގައި "ރިކްޝާ ދުއްވައިގެން ބައްޕައަށް ލިބޭ އެއްޗަކުން އާއިލާގެ އަސާސީ ބޭނުންތައް ފުއްދޭވަރު ވަނީވެސް ހަމަކިރިޔާއެވެ. އެކަމަކު އަހަރުމެން އެއްވެސް ކުއްޖެއްގެ ކިޔެވުމަށް އުނިކަމެއް އަޔަކަނުދެއެވެ. ދެން ތިބި ތިން ކޮއްކޮވެސް ދަނީ ކިޔަވަމުންނެވެ."

ހިނާގެ ބައްޕަ މަގްބޫލު ގަބޫލުކުރާގޮތުގައި ފަގީރުންނަށް ފަގީރުކަމުން ސަލާމަތްވެވެން އޮތްހަމައެކަނި މަގަކީ ތައުލީމް ހާސިލްކުރުމެވެ. އެހެންކަމުން އޭނާގެ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެކަަމަށް އޭނާ ބުންޏެވެ.

"ފަގީރުންނަށް ފަގީރުކަމުން ސަލާމަތްވެވެން އޮތްހަމައެކަނި މަގަކީ ތައުލީމް ހާސިލްކުރުން. އަހަރެންގެ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން"

މަގްބޫލު ބުނިގޮތުގައި ހިނާގެ ކާމިޔާބީގެ އަސްލަކީ ހިނާގެ އަމާޒު ހާސިލުކުރުމަށް ވަރުބަލި ކަމެއްނެތި ހިތްމަތާއިއެކު ކުރި މަސައްކަތެވެ. ހިނާގެ ހަމައެކަނި ކުރާހިތްވި ކަމަކީ ކިޔެވުމެވެ.

ހިނާ ބުނިގޮތުގައި "ހަތަރު އަންހެން ދަރިން ބަލާ ބޮޑުކުރުމަކީ ބުރައެއްކަމުގައި ބައްޕަ ނުދެކޭ. އަދި ބުރަވިކަމުގައި ވިޔަސް އަހަރުމެނަށް އެކަން އިހުސާސްވިޔަކަ ނުދޭ."

"ބައްޕަ އަބަދުވެސް އަހަރުމެނަށް ހިތްވަރުދޭ. އަދި ވެވުނު އެންމެ ފުރިހަމައަކަށް އަހަރުމެނަށް ހިތްވަރުދީ އެއްބާރުުލުންވެސް ދޭ. މި ކާމިޔާބީގެ ސަބަބަކީ ބައްޕަ އަހަރުމެނަށް ދީފައި އޮންނަ މިނިވަންކަން. އަހަރުމެން ދުވަހަކުވެސް އެ މިނިވަންކަން ގޯސްކޮށް ބޭނުމެއްނުކުރަން"
ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު