ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މައުމޫން ފެލިވަރުގައި
އެ ހަނދާންތަކެއް ނުފިލާނެ ،1983 ގައި ފެލިވަރާ ހަވާލުވި މެނޭޖަރު ނަސްރުއްﷲގެ އިންޓަވިއު 2
ހުޝާމް މުހައްމަދު
-
މިއީ ޅ. ފެލިވަރުގައި މަސްބަންދުކުރާ ކާރުހާނާގެ މެނޭޖަރުކަމަށް 1983 ގައި ހަމަޖެއްސެވި ނަސްރުއްﷲ ކަމާލުއްދީން ދި ސްޓާރއަށް ދެއްވި އިންޓަރވިއުގެ ދެވަނަ ބަޔެވެ. މި އިންޓަރވިއުގެ ފުރަތަމަ ބައި ގެނެސްދީފައިވާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އިންޓަރވިއު ގެންނާނީ ބައިބަޔަށެވެ.

މަސްބަންދު ކުރަން ހުއްދަ ލިބުމުން ފުރަތަމަ ވެސް 5 ޓަނު އެތަނުގައި ބަންދުކުރިން. އޭރު ފެލިވަރުގަ އޮތް ޓީމްއެއީ ބުނިކަމެއް ބުނިގޮތަކަށް ކޮށް ނިންމާލާނެ ޓީމެއް. ފައިސާއެއް ނެތް އަޅުގަނޑުމެން އަތަކު.

ސޭފްގަ ހުރި 40 ހާސް ރުފިޔާ. އަޅުގަނޑު ދަންނަވައިފިން ސަރުކާރުގަ މަސްގަންނަން ހުއްދަ ދެއްވާށޭ. އިލިޔާސް ޖަވާބު ދެއްވި ގަނެވޭނެޔޭ. އިލިޔާސް ފަރާތްޕުޅުން ފެނުނީ އާދަޔާ ހިލާފަށް މީހުން ލައްވާ ކަންކަން ކުރުވަން މަސައްކަތް ކުރައްވާތަން . އިލިޔާސް ވަރަށް އަވަސް އަވަހަށް ފެލިވަރަށް ވަޑައިގަންނަވާނެ. ފެލިވަރަށް ވަޑައިގަންނަވާ ފަހަރެއްގަ މުޅި ފެލިވަރު ހިންގަވާނެ. 

އޭރު އަޅުގަނޑުގެ ވެރިޔަކަށް އެންމެމަތީގަ ހުންނަވާނީ އިލިޔާސް. ދެން ހުންނަވާނީ ޝަކީބް. ދެން ހުންނަވާނީ އަބުދުއްސައްތާރު. އަޅުގަނޑު މެނޭޖަރެއް ގޮތުން ފެލިވަރުގަ ހުންނާނީ. 

your imageނަސްރުއްﷲ އިންޓަވިއު ދެއްވަނީ

އަޅުގަނޑަކީ ސިކުޑި ވަރަށް އަވަހަށް ހިނގާ މީހެއް. ފެލިވަރުގަތިބި މީހުން މިވެނި ގޮތެއް މިހެން ހަދާލާށޭ ބުނީމާ ފަހަކަށް ނުޖެހޭނެ. ފެލިވަރު އޭރު އެހާބާރަށް ކުރިޔަށް ދިޔަ އަސްލަކީއެއީ. 

ސަރުކާރުން މުވައްޒަފުންނަށް މުސާރަދިނުމުގައި އެހީވަމުން އައި. އަޅުގަނޑު ދެންނެވިން މުވައްޒަފުން މަދުކުރަން އިލިޔާސް އަރިހުގަ. އެހެން ދެންނެވީމާ އަޅުގަނޑު ކޮނޑަށް އަތްލައިގެން އޮފީސް ކައިރީ ހުރި ހިރުނދުގަހެއް ދޮށަށް ގެންދެވި. ދެން ވިދާޅުވީ ކަނޑާލެވިދާނެޔޭ ބަޔަކު. އެކަމަކު ދެން އެމީހުންނަށް ކާންދޭނީ ކާކުތޯ ސުވާލު ކުރެއްވި. ކިހިނެއްތޯ އެމީހުން ކައިބޮއި އުޅޭނީ އެއްސެވި. ދެން އަޅުގަނޑަށް ވަރަށް އަސަރުކުރި. ގިނަ ބަޔަކު ދޫނުކޮށްލާ ހިފެހެއްޓުނީ އެސަބަބާހުރެ.

ބައެއް ފަހަރަށް އޭރު އަޅުގަނޑު ހުރިއިރުގަ ވެސް ކައިރިރަށްރަށުގެ ތަރައްގީއާ ގުޅިފައިވާ ކަންކަމަށް ފެލިވަރު މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދެވޭ. އޭގެ އެއްވާހަކަ ދަންނަވާނަން. ހިންނަވަރުގައި އޮތް ދިގުޖެޓީއަށް ދޯނިފަހަރު ކައިރިކުރަން އުނދަގޫތަކެއް ހުރުމުން ޖެޓީގެ ހެޑެއް ހެދުމާ ގުޅޭގޮތުން ހިންނަވަރުގެ އިސްކޮށްތިބި ބޭފުޅުން އަޅުގަނޑާ މަޝްވަރާއެއް ކުރެއްވި. އިލްޔާސްގެ ހުއްދަ ލިބިއްޖެއްޔާ އެކަން ކޮށްދިނުމުގައި ފެލިވަރުގެ ޓެކްނިކަލްޓީމުގެ އެހީ ލިބޭނެ ކަމަށް ދެންނެވިން. 

ދެން ޖަޕާނުމީހުން ފެލިވަރަށް ދޫކޮށްލާފަ ހުރި ދަނގަޑުބެރިތަކާ މުވައްޒަފުން ބޭނުންކޮށްގެން ކަންކޮށްލެވުނަސް ކުޑަ ހަރަދެއް ހިނގާނެ ކަމަށް ދެންނެވިން. ވިދާޅުވި އޮންނަ އުސޫލުން ކުރިޔަށް ގެންދަވާށޭ. ދެން ޓަގެއްގަ ތަކެތި ހިފައިގެން ހިންނަވަރަށް ނައްޓާލިން. ހިންނަވަރު ސައީދު އަބުދުއްރަހްމާނު އިސްކޮށް ހުންނާނީ ވެލްޑަރަކަށް. އަޅުގަނޑުމެން ދިޔަ އިރު މުޅި ރައްޔިތުން ތިބީ ނިކުމެ. އަޅުގަނޑު އިސްވެ މޫދަށް ފުންމާލީ މަސައްކަތް ފަށަން ވެސް. ( ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލު
16.666666666667%
އުފާވި
0%
ދެރަވި
0%
ރުޅިއައި
83.333333333333%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ޒަމްޕެ
2021-01-21 17:25:48
ކޮބާ މިރިޕޯޓް ވައިވީތަ؟ އަނެބައި ކޮބާ؟
ހުސެން
2020-12-30 22:04:43
ކޮބާ 3 ވަނަބައި؟ މިނިމުނީ؟
ފަހުގެ ހަބަރު