ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މަސްދޯނިތަކެއް. ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
މިޔޮއްކަމެއް، 2021 ގައި ފޮރިންމިނިސްޓްރީގެ ސިޔާސީ މީހުނަށް 150 މިލިޔަން، މަސްވެރިންނަށް 90 މިލިޔަން
ބިން ޢަބްދުﷲ
-
މަސްވެރިކަމަކީ ގައުމުގެ ލޭނާރު ކަމުގައާއި، މަސްވެރިކަމަށް ޒުވާނުން ނުކުންނަން ޖެހޭ ވާހަކަ އާއި އަދި މަސްވެރިކަން ކުރިއަރުވާ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ ވާހަކަ އަކީ އަޅުގަނޑުމެން ހަނދާން ހުންނަންފެށީއްސުރެ މިއަދާއި ހަމައަށް ވެސް ގައުމުގެ އިސް ފަރާތްތަކުން ކިޔަމުން އަންނަ އަންބާއެކެވެ.

މަސްވެރިންގެ ދުވަސްކަހަލަ ހާއްސަ ދުވަސް ދުވަހު މި އަންބާގެ އަޑު އިތުރަށް ގަދަވެގެންދެއެވެ. ވަކިން ހާއްސަކޮށް، މި ފަހަކަށްއައިސް ސިޔާސީ ކެމްޕެއިންތަކުގެ ދުވަސްވަރު، ސިޔާސީ ބޭފުޅުން މަސްވެރިކަމާއި މަސްވެރިން ދެކެ އެޔޮއްވާ ލޯތްބެއް ބުނަންވެސް ނޭނގެއެވެ.

ބެޔަސް ނުބެޔަސް މަސްވެރިނަށް ފައިސާ ދޭ ވާހަކަ އާއި ބާނާ މަހަށް ހަމައަގު ލިބެންޖޭނެ ވާހަކަ އާއި ކިރާ މަހަށް ވަގުތުން ފައިސާ ލިބޭނެ ވާހަކަ އާއި މަސްފިނިކޮށް ރައްކާކުރާ ތަންތަން ގިނަކުރާ ވާހަކައާއި ގޭދޮށު މަސްފެކްޓަރީގެ ވާހަކަ ފަދަ ވާހަކަ ތަކަކީ އެކި ސިޔާސީ ކެމްޕެއިން ތަކުން އަޑުއިވިފައި ހުރިހާ ވާހަކަތަކެވެ.

ސިޔާސީ ކެމްޕެއިންތަކުގައި ކިތަންމެ ވައުދެއްވިޔަސް އަދި މަސްވެރިންގެ ދުވަސް ފަދަ ދުވަސްތަކުގައި ކިތަންމެ ފޮނި ވާހަކައެއް ދެއްކިޔަސް، ފެންނަން އޮތް ހަގީގަތަކީ މަސްވެރިކަމަށް ދެވޭ ސަމާލުކަމާއި މުހިންމުކަން ކުޑަކަމެވެ.

2021 ގެ ބަޖެޓަށް ބަލާއިރު، ބޭރުގެ ލޯނާއި އަދި ބޭރުގެ އެހީގައި ހިންގުމަށް ރާވާފައިވާ ފީ.އެސް.އައި.ޕީ މަޝްރޫއުތައް ހިމަނައިގެން، މަސްވެރިކަމުގެ ދާއިރާއަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 221.3 މިލިއަން ރުފިޔާއެވެ.

މީގެތެރޭގައި ހިމެނެނީ ޕީ.އެސް.އައި.ޕީ ގެ ދަށުން މަސްވެރިކަމުގެ ދާއިރާއަށް ބޭރުގެ ހިލޭއެހީ އާއި ލޯނު ފައިސާއިން ހިންގާ ތިން މަޝްރޫޢު އަކަށް ކަނޑައަޅާފައިވާ 128.2 މިލިއަން ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ 93 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ފައިސާއިން ހަރަދުކުރުމަށް ބަޖެޓްކޮށްފައިވާ 93 މިލިއަންގެ ތެރޭގައި މިނިސްޓްރީގެ ހިންގުމުގެ ހަރަދަށް ބަޖެޓްކޮށްފައިވާ 53 މިލިއަން ރުފިޔާ އާއި އަދި ޕީ.އެސް.އައި.ޕީ ގެ ދަށުން މަސްވެރިކަމާއި ގުޅުންހުރި 7 މަޝްރޫޢުއަކަށް ދައުލަތުން ހަރަދު ކުރާ 39.8 މިލިއަން ރުފިޔާ ހިމެނެއެވެ.

އެހެންވީމާ، ބޭރުގެ އެހީ އާއި ލޯނު ނުހިމަނާ، ދިވެހިންގެ ލޭނާރުކަމަށް އެވިދާޅުވާ މަސްވެރިކަމުގެ ދާއިރާއަށް 2021 އަށް ދައުލަތުން ހަރަދުކުރުމަށް ބަޖެޓް ކޮށްފައިމިވަނީ އެންމެ 93 މިލިއަން ރުފިޔާއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި މިނިސްޓްރީ އޮފް ފޮރިންއެފެއަރޒް ގެ ސިޔާސީ މަގާމް ތަކުގައި ތިބި މީހުންގެ މުސާރައަށް ދައުލަތުގެ ފައިސާއިން ހަރަދު ކުރުމަށް ބަޖެޓްކޮށްފައިވަނި 150 މިލިއަން ރުފިޔާއެވެ. މިއީ ހަމައެކަނި އެ މިނިސްޓްރީ އާއި ރާއްޖެއިން ބޭރުގައި ހުރި މިޝަންތަކުގައި ތިބި ސިޔާސީ މީހުންގެ މުސާރައެވެ.

your image

އެހެންވީމާ، މަސްވެރިކަމުގެ ދާއިރާއަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމަށް 93 މިލިއަން ކަނޑައަޅާފައި، ހަމަ އެކަނި އެއް މިނިސްޓްރީ (ފޮރިން މިނިސްޓްރީ) ގެ ސިޔާސީ މަގާމްތަކުގެ މުސާރައަށް 150 މިލިއަން ބަޖެޓް ކުރީމަ، މަސްވެރިކަން ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު މިއޮތީ މާ ރިތިކޮށްވެސް ފެންނާށެވެ.

މިހެން ދެންނެވުމުން، ޕީ.އެސް.އައި.ޕީ އަކީވެސް ދައުލަތަށް ލިބޭ ފައިސާ ކަމަށާއި މި ހިސާބު ޖެހުމުގައި އެފައިސާ އުނިކުރީ ކީއްވެތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވާފާނެއެވެ.

ކުރިންވެސް ދަންނަވާފައިވާނެ ފަދައިން، ޕީ.އެސް.އައި.ޕީ ގެ ދަށުން މަސްވެރިކަމުގެ ދާއިރާއަށް ބޭރުގެ ހިލޭއެހީ އާއި ލޯނުގެ ގޮތުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާ އާއި ދައުލަތުގެ ބަޖެޓްގައި ފިޝަރީޒް މިނިސްޓްރީ އަށް ބަޖެޓްކޮށްފައިވާ 93 މިލިއަން ހިމަނައިގެން މަސްވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފއިވާ ޖުމްލަ އަދަދަކީ 221.3 މިލިއަން ރުފިޔާއެވެ.

2021 އަށް ލަފާކުރާ ބަޖެޓްގައި ފޮރިން މިނިސްޓްރީ އަށް (ސިޔާސީ ބޭފުޅުންގެ މުސާރަ 150 މިލިއަން ހިމަނައިގެން) ދައުލަތުގެ ފައިސާއިން ހަރަދުކުރުމަށް ބަޖެޓް ކޮށްފައިވާ އަދަދަކީ 346.7 މިލިއަން ރުފިޔާ އެވެ.

ކެމްޕެއިން ތަކުގަ ކެނޑުނުހާ ފޮންޏެއްކަނޑާ ކިތަންމެ ވައުދެއްވިޔަސް، ހަގީގަތަކީ މަސްވެރިކަމަށް ދޭންވާވަރާ ގާތަށްވެސް އަހަންމިއްޔަތުކަން ނުދެވޭކަމެވެ. އަހަންމިއްޔަތުކަން ދެވޭނަމަ އެކި ސަރުކާރުތައް މިހިސާބަށް އައިއިރު ގައިމު މަސްވެރިން ބާނާ މަސްކޮޅު އުކާލަންނުޖެހޭވަރު ކުރެވުނީހެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
100%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު