ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފްލެޓް ކޮމިޓީއަށް ދެ އަހަރު، ކޮމިޓީ އެލަވަންސްއަށް 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފި، ދޭން ބުނި ފްލެޓް ކޮބާ؟
ބިން ޢަބްދުﷲ
-
ރައީސް ޔާމީން ގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލާ އިންސާފުވެރިކަމާއިއެކު އޭގެ ހަގީގީ ހައްގުވެރިންނަށް އެ ފްލެޓްތައް ލިބިދިނުމަށްޓަކާ އެކުލަވާލި ކޮމިޓީ އަށް ދެ އަހަރު ފުރެމުންދާއިރު އެ ކޮމިޓީގެ، ކޮމިޓީ އެލަވަންސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފިއެވެ.

މި ކޮމިޓީ ސަރުކާރުން އެކުލަވާލާ، އެލަވަންސް ދޭން ފަށާފައިވަނީ 15 ޖެނުއަރީ 2019 ވަނަ އަރުންފެށިގެންނެވެ. މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިނޫހުން ހުށަހެޅި ހުށަހެޅުމަކަށް ރައީސް އޮފީހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2019 ވަނަ އަހަރު 736،500 ރުފިޔާ އަދި މިއަހަރުގެ ޖެނުއަރީ އިން ޑިސެމްބަރ 15 އަށް 566،100 ރުފިޔާ ކޮމިޓީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވެއެވެ.

your image2019 ވަނަ އަހަރު ކޮމިޓީ މެމްބަރުންނަށް ދީފައިވާ ކޮމިޓި އެލަވަންސް

ދަތިހާލުގައި ދިރިއުޅުން ވޭތުކުރަމުންދާ އެތައް ރައްޔިތުންނެއްގެ އުއްމީދުތައް ގުޅިފައިވާ މި މައްސަލާގައި ފްލެޓްތަކުގެ މައްސަތައް ބަލާ ކޮމިޓީގެ މަސައްކަތް ލަސްވާތީ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުން ކެޑިނޭޅި އަމާޒުވަމުން ދިޔައެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީގައި އުފެއްދެވި މި ކޮމިޓީ އިން އެ އަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް އައިއިރު ދެ މެމްބަރަކު އިސްތިއުފާވެސް ދެއްވިއެވެ. މީގެ ތެރޭގައި ކޮމިޓީގެ އޭރުގެ ރައީސް ވެސް ހިމެނިވަޑައިގެންނެވިއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކުރުމަށްވެސް ތާރީހުތައް ކަނޑައަޅަމުން އެ ތާރީހްތައް ފަހަނައަޅަމުން ދިޔައެވެ. ދޮޅުއަހަރުވެ ރައްޔިތުންގެ ފާޑުކިޔުންތައް އިތުރުވެގެން ދިޔުމުން، ފާއިތުވި ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭމީހުންގެ ލިސްޓް ހާމަކުރާނެކަމުގެ ޔަގީންކަން ދިނެވެ. ޖުލައި މަސް ނިމުމުން، އެތާރީހަށް އެކަން ނުވި ސަބަބެއްކަމުގައި ކޮމިޓީން ބުނެފައިވަނި ޖުލައިމަހުގެ 28 ގައި މުވައްޒަފަކު ޕޮސިޓިވްވެ، ކަރަންޓީނަށް ދާންޖެހުމާއި ކޮމިޓީގެ މަސައްކަތް މެދު ކަނޑާލަންޖެހުމެވެ.

ކޮމެޓީ މެމްބަރުންގެ ކޮމިޓީ އެލަވަންސް ދީފައިވާ ތާވަލަށް ބަލާއިރު އެބުނާ ތާރީހެއްގައި މަސައްކަތް ހުއްްޓާލާފައި އޮތްކަމަކަށް ނުދައްކައެވެ. ކޮމިޓީ އެލަވަންސް ހުރީ ބަރާބަރަށް ދީފައެވެ.

your image2020 ވަނަ އަހަރު ކޮމިޓީ މެމްބަރުންނަށް ދީފައިވާ ކޮމިޓި އެލަވަންސް

ކޮންމެއަކަސް ކޮމިޓީގެ މަސައްކަތް ދެ އަހަރަށް ދިގުދެމިގެން ދިޔައީއެވެ. ރައްޔިތުންގެ ފައިސާއިން މިހާތަނަށް 1.3 މިލިއަން ރުފިޔާ ކޮމިޓީ އެލަވަންސް ގެ ގޮތުގައި ހަރަދުވެއްޖެެއެވެ.

ކޮމިޓީގެ މަސައްކަތް އަދި އިތުރަށް ކިތައް މަހަށް ނުވަތަ އަރަށް ދެމިގެންދާނެ ކަމެއްނޭގެއެވެ. ބޯހިޔާ ވަހިކަމަށް އެދިއެދި ތިބި ނިކަމެތި ރައްޔިތުން އުއްމީދެއްގައި ގަނަތެޅިތެޅި ތިބީއެވެ.

ކިޔުންތެރިންގެ ހިޔާލު
18.181818181818%
އުފާވި
81.818181818182%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު