ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކާވެނީގެފަހުން ޑޭޓަކަށް ގޮސްފިންތަ؟ (1)
އައްޝައިޚް މުޙައްމަދު އަފްޟަލް
-
ޑޭޓް ކުރުމަކީ ކޮންކަމެއްކަން ނޭގޭމީހަކު ވަރަށް މަދުވާނެއެވެ. ކާވެނީގެ ކުރިން ޑޭޓްކުރާމީހުން ވަރަށް ގިނަކަމުގައި ވިޔަސް ކާވެންޏަށް ފަހު ޑޭޓްކުރާ މީހުން ވަރަށް މަދެވެ.

ޑޭޓުކުރުމަކީ ދެޖިންސުގެ މީހުން ކާވެނިން ބޭރުން އެކިއެކި ޒާތްޒާތުގެ ގުޅުން ހިންގުމަށް ބޭނުންކޮށް އުޅޭ ޝިއާރެކެވެ. މިއީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ކަމެކެވެ. ދީނުގެ އުޞޫލުތަކާއި ސުލޫކުތައް މުޅިން ފޫވައްޓާލާ ނެތިކޮށްލާ ވިޔާނުދާ ޢަމަލެކެވެ. އެހެނަސް ހިތާމައަކީ މުސްލިމުން މިއަދު މިތިބެނީ ހުޅަނގުންދެއްކި ދަޅަތަކުގައި ޖެހި ހާންތިވެފައި ކަމެވެ. 

ތިމާގެ ދީނުން ތިމާ ބޭރުވެހިނގައިދާނެ ކަންކަމާއި އެދީނުގެ އިމުގައި ތިބެވޭނީ ކިހިނެއް އުޅެގެންކަން މިއަދު ގިނަ މުސްލިމުން ދަސްކޮށްފައެއް ނުވެއެވެ. އެހެންކަމުން ޝައިޠާނާގެ ވަސްވާހުގައި ޖެހޭކަށް ލަހެއްފަހެއް ނޯއެވެ. ދުނިޔޭގެ ޒީނަތްތެރި ކަމުގެ ތެރެއިން ފެންނަ ކޮންމެ ކަމަކާއި އެއްޗެއް ބަލައިގަތުމަށް ތިބެވެނީ ތައްޔާރަށެވެ.

ޒަވާޖީ ޙަޔާތެއްގައި މަޝްޣޫލުވުމުގެ ކުރިން ޒުވާން ޢުމުރު މަޖަލާ އުފަލުގައި ހޭދަކޮށްލާއިރު، ދެޖިންސު މަސްހުނިވެގެން އުޅުން ވެފައި އޮންނަނީ މަޖަލުގެ އެންމެ މަތީ ދަރަޖަ ކަމުގައެވެ. ޖޯޑުހަމަނުކޮށް އުޅޭ ކޮންމެ ޒުވާނަކީ އޭނާގެ އެކުވެރިންގެ ކައިރީ ފިނޑިއެއްގެ ގޮތުގައި ބެލެވެއެވެ. އެހެންކަމުން ތިމާގެ ހިތް ކިތަންމެ ބިރުގަތަސް، ނަފްސު އެކަމަށް ނޭދުނަސް، އެފަދަކަމަކަށް ނޫނެކޭ ބުނަން ނުކެރި، އެއް ފަހަރުވެސް ނުބަޔަކަށް އަރައިގަނެވިއްޖެނަމަ، ދެން އެކަމުގެ ބިރު ހިތުން ފިލާގޮސް އެފަދަ ނުބައި ޢަމަލުތައް ތަކުރާރު ކުރެވޭގޮތް ވެއެވެ. އެގޮތުން ދެޖިންސު އެކުވެ އުޅުމަށް ބޭނުންކުރާ ޝިޢާރު ކުރިއަށްނެރެ ބިރަކާނުލާ ޑޭޓްކުރުންފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގޭ ގޮތްވެއެވެ.

ޑޭޓް ކުރުމަކީ ހަޑި ކަމެކޭ ބުނުމުން އެކަމުގެ މުޤާބިލުގައި ބަސްބުނާ ބަޔަކު ތިބެދާނެއެވެ. އެއީ ފާހިޝް ޢަމަލެއް ނޫންކަމަށް ވަކާލާތުކުރާނެ ހެކިތައް އެމީހުން ދައްކަވެސް ފާނެއެވެ. އެއީ ހަމައެކަނި ރޭގަނޑުގެ ކެއުމަކަށް ގޮސްލުމޭ ބުނެފާނެއެވެ. އެކުވެރިއަކަށް ކާންދިނުމަކީ މައްސަލައެއްނޫން ކަމުގައި ވިސްނަދީފާނެއެވެ. 

ތެދެކެވެ! މީހަކަށް ކާންދިނުމަކުން މައްސަލައެއް ނެތެވެ. ސުވާލަކީ ތިބާ އެ ޑޭޓަށް ދިޔަ މަގުމަތީ ތިމާކުރިމައްޗަށް އަރާ ސަލާންޖަހަން އަތްދިއްކޮށްލި އަންހެންމީހާ ގޮވައިގެން ކާން ނުދިޔައީ ކީއްވެގެން ހެއްޔެވެ. އޭނާވެސް ހުރީ އަދި ރޭގަނޑު އެއްޗެއް ނުކައިކަމުގައި ވެދާނެއެވެ. ނުވަތަ މުޅިދުވަހު ކާނެއެއްޗެއް ނެތި ހުންނަން ޖެހުނު މީހަކު ކަމުގައި ވެސް އޭނާ ވެދާނެއެވެ. 

ދެން އެންމެ ރަނގަޅެވެ. އެއީ ތިމާގެ ރައްޓެއްސަކަށް ނުވީތީ އޭނާއަށް ކާއެއްޗެއް ގަންނާނެ ފައިސާ ދީފައި އޭނާ ފޮނުވާލީ ތިމާގެ ރައްޓެހި ކުއްޖާއާއި އެކު ކެއުމަކަށް ދާންވެގެންނެވެ. އެއީ ފާޙިޝްކަމުގެ އެއްވެސް ނިޔަތެއް ނެތިކަމުގައިވެސް ވެދާނެއެވެ. އެހެންނަމަ، އެކުއްޖެއްގެ ޢާއިލާ މީހަކު އެކުއްޖާއާއިއެކު ނުގެންދިޔައީ ކީއްވެހެއްޔެވެ؟ ދެޖިންސުގެ ދެމީހުން އެކަނިވަނީ ކީއްކުރަންބާއެވެ؟ އަންހެނަކާއި ފިރިހެނަކު އެކަނިވެއްޖެނަމަ ތިންވަނަމީހަކަށް ޝައިޠާނަކު ހުންނާނެކަމަށް މިއުއްމަތުގެ މުރްޝިދް ޙަދީޘް ކުރައްވާފައިވާކަން ތިބާއަށް އެނގޭނޫންތޯއެވެ؟ ޒުވާން އުމުރުގައި ލޯބީގެކުޑަ ނަގައިގެން އޭގެނިވަލުގައި ފާޙިޝް ޢަމަލުކުރަމުން ގެންދަނީ ކިތަށް ޒުވާނުންހެއްޔެވެ؟ މީ ހިތާމަހުރި ކަމެކެވެ.  (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
100%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު