ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އެމް.އޭ.ސީ.އެލް އަކީ ކާކުގެ މަސްއޫލިއްޔަތެއް އަދާކުރާ، ކާކުގެ ތަނެއްބާ؟
ބިން ޢަބްދުﷲ
-
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީއީއޯ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމުގައިވާ ގޯޑަން އެންޑްރޫ ސްޓުއާޓްއަށް ލިބިލައްވާ މުސާރައާ އިނާޔަތްތައް ހޯދުމަށް މިނޫހުން ހުށަހެޅުމުން ޖަވާބުގައި އެކުންފުނިން ބުނެފައިވަނީ އެއީ ހާމަކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ.

އެ ޖަވާބާއިއެކު، ގާނޫނުގައި އޮންނަ ގޮތުގެ މަތިން އެ ނިންމުން މުރާޖައާ ކުރަން ހުށަހެޅުމުން އެކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވަނީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނަށް އެކުންފުނިން އަމަލުވެސް ނުކުރާ ކަމާއި އަދި އަމަލު ކުރަން ނުވެސް ޖެހޭނެ ކަމަށެވެ.

މިކަމުގެ ހުއްޖަތަކަށް އެކުންފުނިން ދައްކާފައިވަނީ "މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަކީ ދައުލަތުގެ 100 ޕަސެންޓް ހިއްސާވާ ސަރުކާރުގެ ކުންފުންޏަކަށް ވީހިނދު ޤާނޫނު ނަމްބަރު 2014/01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) ގައި ސަރުކާރު ކުންފުނިތައް ހިމަނުއްވާފައި ނުވާކަން ފާހަގަ ކުރާކަމަށާއި އަދި ކަން މިހެން އޮތުމާއިއެކު އެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދެމުން ނުދާ ކަމަށާއި އަދި އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މުރާޖާ ކޮމިޓީ އުފައްދާފައި ނުވާ ކަމަށެވެ."

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައި ވަނީ: "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމްތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހި ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުންނެވެ."

އެމް.އޭ.ސީ.އެލް އިން ފާހަގަކޮށްފައިވާ ފަދައިން ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ ކުންފުނި" މި އިބާރާތް ހިމަނާފައެއް ނުވެއެވެ. އެކަމަކު އެ މާއްދާގައި ހިމަނާފައިވާ އެހެން މުހިންމު އިބާރާތެއް އެބަ އޮތެވެ. އެއީ "އެތަނެއްގެ ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއް" މިހެން އޮތް އިބާރާތެވެ.

ދައުލަތުގެ މުދާ ބޭނުންކޮށްގެން، ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮވެގެން ހިންގާ އެމް.އޭ.ސީ.އެލް އަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނަކަށް ނުވަންޏާ އެއީ ކާކުގެ މަސްއޫލިޔަތެއް އަދާކުރާ ތަނެއްހެއްޔެވެ؟

އޮޅުވާލައްވަން ތިޔަ މަސައްކަތް ކުރަނީ އެންމެންގެ ލޯމައްޗަށް ފެންނަން އޮތް ހަގީގަތެކެވެ. އެމް.އޭ.ސީ.އެލް އުފެދުނީ 1 އޮގަސްޓް 2000 ވަނައަހަރުއެވެ. އޭގެ ކުރިން އޮތީ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ (އެމް.އޭ.އޭ) އެވެ. އެމް.އޭ.އޭ އަކީ ދައުލަތުގެ އިދާރާއެކެވެ. އަދާކުރަމުން ދިޔައީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ. އެމް.އޭ.އޭ ކުންފުންޏަކަށް ބަދަލުކޮށް އެމް.އޭ.ސީ.އެލް އުފެއްދީ އެމް.އޭ.އޭ އިން އަދާކުރަމުންދިޔަ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާށެވެ. އެމް.އޭ.ސީ.އެލް ގެ ބޯޑަށްވެސް މެމްބަރުން އައްޔަނު ކުރަނީ ހަމަ ސަރުކާރުންނެވެ.

އެހެންވީމާ ސަރުކާރުން އައްޔަނުކުރާ ބޯޑެއްގެ ބެލުމުގެ ދަށުގައިތިބެ، ދައުލަތުގެ މުދަލާއި، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ދައުލަތުގެ މަސްއޫލިއްޔަތަކާއި ހާވާލުވެ ތިބެ، ގާނޫނަކުން ހާމަކުރަން ބުނާ މައުލޫމާތު ހާމަ ނުރާންވެގެން ތިޔަ ދައްކަވަނީ ތާކުން ތާކުނުޖެހޭ ބޭކާރު ބަހަނާއެވެ.

ދެން އޮތީ ސިޓީގައި ފާހަގަކޮށްފައިވާ އަނެއް ވާހަކައެވެ. އެއީ "އެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދެމުން ނުދާ ކަމަށާއި އަދި އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މުރާޖާ ކޮމިޓީ އުފައްދާފައި ނުވާ" ވާހަކައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ކޮންމެ އިދާރާއަކުންވެސް އިންފޮމޭޝަން އޮފިސަރެއް ކަނޑައަޅަންޖެހެއެވެ. އަދި އެ އިންފޮމޭޝަން އޮފިސަރުގެ މަގާމްއާއި އޭނާއާއި ގުޅޭނެގޮތް ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި، ލިބޭނެމަގު ފަހިކޮށްދޭންވާނެ ކަމަށްވެސް ގާނޫނުގައި ވެއެވެ.

މިޒަމާނަކީ ދެތިން ކްލިކް އަކުން ބައެއް މަލޫމާތު ހޯދާލެވޭ ޒަމާންކަން ނެގުނީތޯއެވެ.  ގާނޫނުގެ ދަށުން އެމް.އޭސީ.އެލް އިން ކަނޑައަޅާފައިވާ އިންފޮމޭޝަން އޮފިސަރުގެ ނަން އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވެބްސައިޓް ގައި އެބައޮތެވެ. އިންފޮމޭޝަން އޮފިސަރެއްގޮތުގައި ކަނޑައަޅާފައިވަނީ ޙަސަން ޢަރީފް، މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެވެ. 

ސިޓީގައި ވިދާޅުވެފައިވާ ފަދައިން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަމަލު ކުރުމަކީ ތިޔަ ކުންފުނިން ކުރަންޖެހޭ ކަމެއް ކަމަށް ނުވާނަމަ، ތިޔަ ކުނުްފުނީގެ އިންފޮމޭޝަން އޮފިސަރެއް ގޮތުގައި ޢަރީފްގެ ނަން އިންފޮމޭޝަންކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފައި އޮތްއޮތުމާއިމެދު މައްސަލަނުޖައްސަވާ ތިޔަ ތިއްބަވަނީ ކީއްވެތޯއެވެ؟

އެހެންވީމާ، އެއްގޮތަކީ، ތިޔަ ކުންފުނިން އެ ގާނޫނަށް އަމަލުކުރަން ނުޖެހޭ ހިނދުވެސް، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންގެ ލިސްޓްގައި ތިޔަކުންފުނީގެ އިންފޮމޭޝަން އޮފިސަރު ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު ހިތްޕުޅަށް އަރާވަޑައިގެންނެވި ނަމެއް ގާނޫނާ ހިލާފަށް ޖައްސަވައިގެން އުޅުއްވަނީއެވެ. ނުވަތަ ތި ކުންފުނިން ކަނޑައެޅިގެން ބޮޑު ދޮގެއް ހަދަނީއެވެ.

އަދި ދަންނަވަންތޯއެވެ. ގާނޫނު ނަންބަރު 2014/01 ގެ 42 ވަނަ މާއްދާއާއި އަދި އެގާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުގެ 43 ވަނަ މާއްދާއާއި ހަވާލާދެއްވާ، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކުރައްވާ ފޮނުއްވާދެއްވުމަށް އެދި ސަރުކާރުގެ އިދާރާ ތަކަށާއި ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 11 ޖެނުއަރީ 2021 ވަނީ އާއްމު ސިޓީއަކުން ދަންނަވާފައެވެ. ތިޔަ ކުންފުންޏަށްވެސް ވާނީ މި ސިޓީ ލިބިލައްވާފައެވެ. ނުވަތަ ލިބިލައްވާނެއެވެ.

ތިމަންނާމެންނަކީ ގާނޫނުގެ މަތީގައި ތިބި ބައެއްކަމަށް ދެކިލައްވައިގެން ބަހަނާތަކާއި އިތުރުފުޅުތައް ހައްދަވަން ނޫޅުއްވާށެވެ.

ދައުލަތުގެ މުދަލާއި ދައުލަތުގެ ފައިސާ އަކީ މީހެއްގެ އަމިއްލަ ތަރިކަ މުދަލެއްނޫނެވެ. އެއީ ރައްޔިތުންގެ މުދަލާއި ފައިސާއެވެ. އެ ތަކެއްޗާއި  ހަވާލުވެގެން ދައުލަތުގެ މަސްޢޫލިއްޔަތެއް އަދާކުރުމުގެ ޒިންމާއާއި ހަވާލުވެ ތިބެންޏާ ރައްޔިތުން ސުވާލުކުރާނެއެވެ. އެ ސުވާލުތަކަށް ޖަވާބުދާރީ ވެވެންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
11.111111111111%
ދެރަވި
66.666666666667%
ރުޅިއައި
22.222222222222%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު