ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކާވެނީގެފަހުން ޑޭޓަކަށް ގޮސްފިންތަ؟ (2)
އައްޝައިޚް މުޙައްމަދު އަފްޟަލް
-
ދެޖިންސު އެކަހެރިނުވާން އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައި ވާއިރުވެސް، އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކޮށް ޑޭޓް ކޮށްހަދަނީ ކާވެނިކުރާނެ ރަނގަޅު ކުއްޖަކު ހޯދުމުގެ ނަމުގައެވެ. ކާވެންޏަކާއި ހަމައަށް ދެވެންދެން ޖީބުހުސްވަންދެން ކާންދީ ހަދައެވެ.

އަދި އެވަރުން ނުވެގެން ދަރަންޏަށް ނަގައިގެންވެސް، ބާރތުޑޭ ޑިނާރ އާއި އެނިވާރސަރީ ޑޭޓް ކޮށްނުލައިފިނަމަ، ކަމަކުނުދެއެވެ. ތިމާ އެމީހަކާއެކު ޢުމުރު ދުވަހު އުޅެން ހޯދާ އަނބިމީހާ ކާވެނީގެކުރިން ތިތައްޔާރު ކުރަނީ ޙަޤީޤަތެއްނެތް އިސްރާފުތަކަކަށް ރުހޭ މީހެއްގެގޮތުގައި ވުމަށްތޯއެވެ؟ އަދި ތިބާ އޭނާއަށް ތިދައްކަނީ ޙަޤީޤަތެއްނެތް މުއްސަނދި ކަމެކެވެ. މިފަދަ ޚިޔާލީ ކޯރެއްގައި އޮޔާދެމެމުންގޮސް ކާވެންޏެއްގެ އައްސޭރިއަށް އާދެވެނީ މަދު ބަޔަކަށެވެ. އެމީހުން ކައިވެނީގެ ފަހުންވެސް ޑޭޓް ކުރާބަޔަކަށް ނުވެއްޖެނަމަ ވާނީ ކިހިނެއްބާއެވެ؟ 

ކާވެނީގެފަހުން ޑޭޓް ކުރާނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަން އެންމެންވެސް ދަނެއެވެ. ނިކުންނާނީ ނޭދެވޭ ނަތީޖާ އެއްކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެވެ. އެހެނަސް އެއީ އެންމެ ޙާލަތެއް ފިޔަވައެވެ. އެއީ ތިބާ، ތިބާގެ އަނބިމީހާއާއިއެކު ޑޭޓް ކުރުމެވެ. ދެމަފިރިން ޑޭޓްކުރާނަމަ ނިކުންނާނީ އެދެވޭ ރަނގަޅު ނަތީޖާއެކެވެ. މާބޮޑަށްވެސް ހިތްގައިމު އުފާވެރި ޙާލަތެކެވެ. ޑޭޓްކުރުމުގެ ހުރިހާ މަޖަލަކާއި ފޯރިއެއް ނިމޭ ހިސާބަކީ ކާވެނި ކަމުގައި ހަދާކަށް ނުވާނެއެވެ. 

ގޭގައި ގިނަވަގުތު އުޅޭ މީހަކީ އަނބިމީހާއެވެ. ފިރިމީހާ އުޅެނީ އަނބިމީހާއާއި ދަރިންގެ ޙައްޤުގައި މަސައްކަތްކުރާށެވެ. ގޭތެރޭގެ ޚަރަދު ބަރަދު ހަމަޖައްސާނެ ގޮތްތަށް ހޯދުމުގައި ގެއިން ބޭރުގައެވެ. އޭނާގެ ދަރިން ބެލުމުގައި އަވަދިނެތި ދުވާލުގެ ވަގުތަށް އެއްކޮށްކަހަލަ ގޮތަކަށް އަނބިމީހާ ހޭދަކޮށްލަނީ 10 ފޫޓު 12 ފޫޓު ކޮޓަރިއެއްގެ ތެރޭގައެވެ. ތެދެކެވެ. ދެމީހުންވެސް ބުރައެވެ. އެހެނަސް ތަފާތު ކަމެއް އެބަހުއްޓެވެ. މާޙައުލު ބަދަލުވުމެވެ. ކޮންމެ ދުވަހަކު ފިރިމީހާގެ މާޙައުލު ދެތިން ފަހަރު ބަދަލުވާއިރު އަނބިމީހާ އިންނަނީ އެއްމާޙައުލެއްގެ ތެރޭގައި ހަފްތާ ގުނާލަ ގުނާލައެވެ. ދަރިން ތިބިނަމަ އެއްކަމެއް ތަކުރާރު ކޮށްލަ ކޮށްލާ ހަމަ އެމާހައުލުގައި މަސްދުވަސް އިންނަންޖެހޭ ފަހަރުވެސް އާދެއެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ.

މިގޮތަށް ކަންތައްވާނަމަ ދެމަފިރިންގެ ދެމެދުން ނުފެށި ނުދާނެ ގިނަމައްސަލަތަކެއް ފެންމަތިވަމުން އަންނަތަން ފެންނާނެއެވެ. އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއްނޫނެވެ. އެޙާލަތު ބަދަލު ކުރުމަށްޓަކައި ދޭތެރެ ދޭތެރެއިން މާޙައުލު ބަދަލު ކޮށްލަން ވާނެއެވެ. އެކަމަށްޓަކައި އެންމެ ރަނގަޅު އެއްފަރުވާއަކީ ދެމަފިރިން އެކުގައި ޑޭޓްކޮށްލުމެވެ. ގޭތެރޭގެ މާޙައުލު ދޫކޮށް ބޭރު ކޮންމެވެސް ތަނަކަށް ކެއުމަކަށް ގޮސްލުން އެއީ ވަރަށް ރަނގަޅުކަމެކެވެ. ދެމަފިރިންގެ ހިތުގައި އިންތިޒާރީއެއްގެ ޖޯޝް އުފައްދާނެކަމެކެވެ. ލޯބީގެ ޙާޤީޤީ ފޮނިކަމަކީ އިންތިޒާރެވެ. ގޭގައި އިންނަ އަނބިމީހާ އޭނާގެ ފިރިމީހާދެކެ މާބޮޑަށް ލޯބިވާ އެއްސަބަބަކީ އޭނާއަށް ކުރެވޭ އިންތިޒާރެވެ. އިންތިޒާރެއްގައި އިންނަމީހާއަބަދުވެސް އެދޭނީ އޭގެފޮނި ކަން ލިބުމަށެވެ. އެކަންއޭނާއަށް ހާޞިލް ކޮށްދޭންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު