ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ގެއްލިގެން ހޯދި ގަޑި
އައްޝައިޚް މުޙައްމަދު އަފްޟަލް
-
ޒުވާން ފިރިހެން ކުއްޖަކު ދިޔަ ކައިވެނި ޕާޓީއަކުން، އޭނާގެ ފަށާ ތަޢުލީމުގެ ކިލާސްތަކުންކުރެ ކިލާހެއްގައި ކިޔަވައިދެއްވި ޓީޗަރަކު ފެނުނެއެވެ. ޓީޗަރު ފެނުމާއެކު އޭނާ ޓީޗަރުކައިރިއަށް އަވަސް އަވަހަށް ދިޔައެވެ. އަދި ހުރިހާ އިޙްތިރާމަކާއި ޤަދަރަކާއެކު އެޓީޗަރާ ސަލާމް ކުރުމަށްފަހު އަހާލިއެވެ. "އޭ ލޮބުވެތި ޓީޗަރެވެ! ތިބާއަށް އަހަރެންނަކީ ކާކުކަން ހަނދާން އެބަހުރިހެއްޔެވެ؟" ޓީޗަރު އަވަސްގޮތަކަށް ޖަވާބުދެއްވިއެވެ. "ނޫން!" "ތިބާ ކުޑަކޮށް އަމިއްލަ ތަޢާރަފެއް ދީބަލަ!"

އެ ޒުވާނާ ކިޔައިދޭންފެށިއެވެ. "ތިބާއީ އަހަރެންނަށް ގްރޭޑް 3ގައި ކިޔަވައިދެއްވި ޓީޗަރެކެވެ. އަހަރެންނަކީ އެ ކިލާހު އެހެންކުއްޖެއްގެ އަތުކުރީ ގަޑި ވަގައްނެގި ކުއްޖާއެވެ. ތިބާއަށްވެސް އެކަންހިނގާދިޔަގޮތް ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް އަހަރެން އެވާހަކައިން ތިބާއަށް ހަނދާން އާ ކޮށްލަދޭނަމެވެ."

އެޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެމެންގެ ކިލާހުގައި އުޅުނުކުއްޖަކު ވަރަށް ޗާލު އަތުކުރީ ގަޑިއެއް ކިލާހަށް ގެނައެވެ. އޭތި ފެނިފައި އަހަރެންގެ ހިތުގައި އެއަށް ޝައުޤެއް އުފެދުނެވެ. އަދި އެގަޑި ވަގަށް ނެގީމެވެ. އެކުއްޖާ ރޮމުން ތިބާގެ ކައިރިއަށް ގޮސް، އޭނާގެ ގަޑި ވަގަށް ނަގައިފިކަމުގެ ޝަކުވާކުރިއެވެ. ތިބާ ކިލާހު އެންމެންގާތު ކޮޅަށްތެދުވުމަށް ބުންޏެވެ. އެންމެންގެ ޖީބުތަށް ބަލާ ފާސްކުރުމަށެވެ. އަހަރެންގެ މި ނުބައި ޢަމަލު އެންމެންގެ ތެރޭގައި ބޭޒާރުވާނެކަމުގެ އިހުސާސް އަހަންނަށް ކުރެވެންފެށީ ދެނެވެ. ހުރިހާ ދަރިވަރުންނާއި ޓީޗަރުންގެ ކުރިމަތީ ވަގުބަދުނާމުއެޅި އަހަރެން ފަޟީޙަތްވާން ކައިރިވެއްޖެ ވަގުތު އައިސްޖެހިއްޖެކަމަށް، އަހަރެންގެ ޟަމީރު އަހަރެންގާތު ބުނަމުން ދިޔައެވެ. އަދި އޭގެސަބަބުން މުޅި އުމުރަށް މިއިލްޒާމުން ސަލާމަތް ނުވާނެކަންވެސް އެނގުނެވެ؛

ކިލާހު ހުރިހާ ދަރިވަރުންގާތު ތިބާ ބުނީ ކޮޅަށްތެދުވެ ފާރާވީފަރާތަށް އެނބުރި ލޯމަރައިގެން ތިބުމަށެވެ. ފަހަރަކު ދަރިވަރެއްގެ ޖީބު ވަކިވަކިން ފާސްކުރަމުން ތިބާ ކުރިޔަށް ދިޔައެވެ. އަހަރެންނާ ހަމައަށް އާދެވުމުން އަހަރެންގެ ޖީބުން ތިބާ އެގަޑި ނެގިއެވެ. އަދި ހުއްޓުމެއްނެތި، އެންމެފަހު ކުއްޖާއާއި ޖެހެންދެން ޖީބުތަށް ފާސްކުރިއެވެ؛

ހުރިހާ ދަރިވަރުން ފާސްކޮށްނިމުމުން، ތިބާ ކިލާސް ކުދިންގާތު، ލޯހުޅުވައިގެން އިށީނުމަށް ބުންޏެވެ. އަހަރެންގެ ކަކުލުހުޅު އެއްވާނަކަށް ރޫރޫ އަޅައަޅާހުއްޓެވެ. އަހަރެން ހީކުރީ ހުރިހާ ދަރިވަރުންގެ ތެރޭ ތިބާ އަހަރެން ބޭޒާރުކޮށް ފަޟީޙަތް ކޮށްލާނީކަމަށެވެ؛

ހުރިހާ ކުދިން އިށީނުމުން ތިބާ އެގަޑި ދައްކާލިއެވެ. އަދި އޭގެ ވެރިކުއްޖާއަށް ގަޑި އަނބުރާ ރައްދުކުރިއެވެ. ގަޑި ފެނުނީ ކާކުގެ ޖީބަކުންކަމެއް ތިބާ ނުބުނެއެވެ. އަހަންނާދިމާއަށްވެސް އެއްވެސް ބަހެއްނުބުނެއެވެ. އަދި އެވާހަކަ އެހެންއެކަކަށްވެސް ތިބާ ކިޔައެއް ނުދެއެވެ؛

އަދިވެސް އެޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެންގެ މަދްރަސީ ދައުރު ނިމެންދެންވެސް އެއްވެސް ޓީޗަރެއް އަދި ދަރިވަރެއްވެސް، ގަޑިއެއް ވަގަށްނެގި ވާހަކައެއް އަހަންނަކާ ނުދައްކައެވެ. އަހުރެން އަމިއްލަ ނަފްސަށްބުނީމެވެ. ތިބާ އެދުވަހު އަހަރެންގެ އަބުރު ރައްކާތެރިކޮށްދީފިއެވެ."

ކުޑަކޮށް ހިނިތުންވެހުރެ ޓީޗަރު ބުންޏެވެ. "އަހަރެންނަކަށް ނޭނގޭ އެދުވަހު ގަޑި ވަގަށްނެގީ ކޮންކުއްޖެއްކަމެއް، އެއީ އެދުވަހު ކުދިންގެ ޖީބުތައް ފާސްކުރަމުން ދިޔައިރު ޙުދު އަހަރެންވެސް ހުރީ ލޯމަރައިގެން ކަމަށްވާތީ!"

މިއީ ތަޢުލީމީ މުޙިއްމު ފިލާވަޅެކެވެ. ތަރުބިޔަތުގެ ޙިކްމަތްރެތި ޢަމަލެކެވެ. އަޅުގަނޑުމެންނަކީ މިކަހަލަ ޓީޗަރުންކަމުގައި ވާންއެބަޖެހެއެވެ. މިފަދަ ބެލެނި ވެރިންކަމުގައި ވާންއެބަޖެހެއެވެ. މިފަދަ ވެރިންކަމުގައި ވާންއެބަޖެހެއެވެ. އަދި އެހެންމީހުންނަށްޓަކައި ހެޔޮއެދޭ ބަޔަކު ކަމުގައި ވާންއެބަޖެހެއެވެ. ބޭޒާރުކޮށް ފަޟީޙަތް ކުރުމަށްވުރެ، ރައްކާތެރިކަންދީ ރަނގަޅުކުރުވުން މުޙިއްމެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު