ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކޯވިޑް-19 ވެކްސިންގެ ސައިޑް އިފެކްޓްސް އާއި ވެކްސިން ޖަހަންނުވާނެ މީހުން
ބިން ޢަބްދުﷲ
-
އިންޑިއާގައި އުފެއްދި ކޯވިޑް-19ގެ ދެ ވެކްސިން ކަމަށްވާ، ކޮވިޝީލްޑް އުފެއްދި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ނާއި ކޮވެކްސިން އުފެއްދި ބާރަތު ބައޯޓެކުން ނެރުނު ފެކްޓް ޝީޓްތަކުގައި ވަނީ ބައެއްފަރާތްތަކުން ކޯވިޑް-19 ގެ ވެކްސިން ނުޖެހުމަށް ލަފާދީފައެވެ.

ކޮވެކްސިން އުފެއްދި ބާރަތު ބައޯޓެކުން ނެރުނު ފެކްޓް ޝީޓްގައި މާބަނޑު މީހުނާއި ގާތުންކިރުދޭ މައިން ގެ އިތުރުން ހުން އައިސްގެން އުޅޭ މީހުނާއި ލޭމަނާވުމުގެ މައްސަލަ ހުންނަ މީހުން އެ ވެކްސިން ނުޖެހުމަށް ލަފާދީފައި ވާއިރު، ކޮވިޝީލްޑް އުފެއްދި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އާންމުކުރި ފެކްޓް ޝީޓްގައި ލަފާދީފައިވަނީ ކޮވިޝީލްޑް ވެކްސިންގައި ހިމެނޭ އެއްވެސް މާއްދާއަކަށް އެލަޖިކް ވެދާނެ މީހުން ވެކްސިން ނުޖެހުމަށެވެ.

ބާރަތު ބައޯޓެކްގެ ކޮވެކްސިން ނުޖެހުމަށް އެފަރާތުން ލަފާދީފައިވާ މީހުން

  • ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށި މީހުން ނުވަތަ ދިފާއީ ނިޒާމަށް އަސަރުކުރާފަދަ ބޭސް ކާމީހުން.
  • އެލަރޖިކް ވުމުގެ ތާރީހެއް އޮންނަ މީހުން
  • ގަދައަށް ހުން އައިސްފައިވާ ހުންނަ މީހުން
  • ލޭ މަނާނުވުމުގެ މައްސަލަ ހުންނަމީހުން
  • މާބަނޑު މީހުނާއި އަދި ގާތުން ކިރުދޭ މައިން. (މާބަނޑު މީހުނާއި އަދި ގާތުން ކިރުދޭ މައިންނަށް ވެކްސިން އިން ކުރާ އަސަރު އަދި ދެނެގަނެވިފައި ނުވުން)
  • ކޮރޯނާ ވައިރަސްގެ އެހެން ވެކްސިންއެއް ޖަހާފައިވާ މީހުން

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ނުޖެހުމަށް އެފަރާތުން ލަފާދީފައިވާ މީހުން

  • ކޮވިޝީލްޑް ވެކްސިންގައި ހިމެނޭ އެއްވެސް މާއްދާއަކަށް އެލަޖިކް ވެދާނެ މީހުން 
  • ފުރަތަމަ ޑޯޒް އަށް އެލަރޖިކް ވާ މީހުން ދެވަނަ ޑޯޒް ނުޖެހުން

ވެކްސިން ލިބިގަތުމުގެ ކުރިން ދެންޖެހޭ މައުލޫމާތު

ވެކްސިން އުފެއްދި ދެފަރާތުގެ ފެކްޓް ޝީޓްގައި ބުނެފައިވަނީ ސިއްހީ އެހީދޭ ފަރާތްތަކަށް ކޮންމެ މީހަކުވެސް ތިރީގައި މިވާ މައުލޫމާތު ސާފުކޮށްދުމަށެވެ.

  • މިހާރު ހުރި ސިއްހީ މައްސަލަތައް
  • އެލަރޖީއެއް ހުރިނަމަ އެކަން
  • ހުންއައިސްފައި ހުރިނަމަ އެކަން
  • ހަށިގަނޑުގެ ދިފާއިީ ނިޒާމްގެ މައްސަލައެއްހުރިނަމަ އެކަން
  • މާބަނޑު މީހެއްނަމަ ނުވަތަ ގާތުން ކިރުދޭ މައެއްނަމަ އެކަން
  • ކޯވިޑް ވެކްސިން އެއް ޖަހާފައިވާނަމަ އެކަން

ކޮވިޝީލްޑް އާއި ކޮވެކްސިންގެ ސައިޑް އިފެކްޓްސް

ކޮވިޝީލްޑް އާއި ކޮވެކްސިންގެ ސައިޑް އިފެކްޓްސް ގޮތުގައި ފާހަގަކޮސްފައިވަނީ އިންޖެކްޝަން ޖަހާތަން ދުޅަވުމާއި، ތަދުވުން އަދި ރަތްވުމާއި، ހިރުވުން. އިންޖެކްޝަން ޖަހާ އަތުގެ މަސްތައް ވާންވުމާއި އަދި އަތުގެ ބާރުދެރަވުން. މީގެ އިތުރުން ގައިގަ ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ހުންއައުމާއި، ވަރުބަލިވުމާއި، ފިތްނެގުމާއި، މޭނުބައި ކުރުމާއި ހޮޑުލެވުމަކީވެސް ވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި ހިމެނޭކަންކަމުގައި ފާހަގަކޮށްފައި ވެއެވެ.

ވެކްސިން އިންފޯރުކޮށްދޭ ރައްކާތެރިކަން

ބާރަތު ބައޯޓެކްގެ ފެކްޓް ޝީޓްގައިވާގޮތުން، އެ ކުންފުނިން ކުރިޔަށްގެންދާ ކްލިނިކަލް ޓަރައަލް ތަކުން ފެނިފައިވަނީ 4 ހަފްތާގެ ދުރުމިނެއްގައި ވެކްސިންގެ ދެ ޑޯޒް ދިނުމުން ބައްޔާއި ދެކޮޅަށް ދިފާއީ ނިޒާމް އުފައްދާދޭކަމެވެ. ނަމަވެސް ކޮވެކްސިން އަދި އަދިވެސް އޭގެ ކްލިނިކަލް ޓްރައަލްގެ ތިންވަނަ ފޭސް ކުރިޔަށްދާ ވެކްސިން އަކަށް ވުމުން ވެކްސިންގެ އެފިކަސީ ނުވަތަ ކޯވިޑް އިން ރައްކާތެރިކޮށްދިނުމުގެ ގާބިލުކަން ހުރި މިންވަރު އަދި ކަނޑަނާޅާ ކަންވެސް އިތުރަށް ފާހަގަކޮށްފައިވެއެވެ.

ސީރަމް އިންސްޓްޓިއުޓްގެ ކޮވިޝީލްޑް ފެކްޓް ޝީޓުގައި ވާގޮތުން 4 ހަފްތާއިން ފެށިގެން 12 ހަފްތާއާއި ދެމެދުގެ ދުރުމިނެއްގައި 2 ޑޯޒް ދިނުމުން ކޯވިޑް ޖެހުމުން ރައްކާތެރިކޮށްދެއެވެ. ދެވަނަ ޑޯޒް ޖަހަތާ 4 ހަފްތާ ފަހުން ބަލިން ރައްކާތެރިކުރުމުގެ ދިފާއު ހަށިގަނޑުގައި އުފައްދާކަމަށާއި ނަމަވެސް ބަލިން ރައްކާތެރިކޮށްދޭނީ ކިހާދުވަހެއް ވަންދެންކަން ބުނަންނޭނގޭ ކަމަށެވެ. 

ކޮވިޝީލްޑް ގެ ކްލިނިކަލް ޓްރައަލް ތަކުން ވެކްސިންގެ އެފިކަސީ ނުވަތަ ކޯވިޑް-19 އިން ރައްކާތެރި ކޮށްދިނުމުގެ ގާބިލް ކަން ދައްކަނީ %70 ގައިކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކޮވިޝީލްޑްގެ ފެކްޓް ޝީޓް  މި ލިންކް އިން ބަލާލެވޭން

ކޮވެކްސިންގެ ފެކްޓްޝީޓް މި ލިންކް އިން ބަލާލެވޭނެ

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު